ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ކުރިއަށްގެންދާ ރާއްޖެ ޖޫނިއަރ ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ 19އަހަރުން ދަށުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ސީއެޗްއެސްއީ ހުޅުމާލެ ބަލިކުރުމަށް ފަހު، މުބާރާތުގެ ޗެމްޕިއަންކަން ޅ. ނައިފަރު މަދްރަސަތުލް އިފްތިތާހުން ރޭ ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގައި ކުޅެވުނު މި ފޯރިގަދަ މެޗު އިފްތިތާހުން ކާމިޔާބުކުރީ ފުރަތަމަ ސެޓު ގެއްލިފައި ވަނިކޮށް ފަހަތުން އަރައި 1-3ސެޓުން ކުރި ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-13އިން ސީއެޗްއެސްއީން ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި ތިން ސެޓު އިފްތިތާހުން ވަނީ 25-17، 25-17އަދި 25-17އިން ކާމިޔާބުކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ފައިނަލްގައި ވެސް މޮޅު ކުޅުމެއް ދެއްކި އިފްތިތާހުގެ އިބްރާހިމް އަސްލާން ހާމިދެވެ.
މުބާރާތުގެ ތިންވަނަ މަގާމަށް ދިޔަ ޓީމު ކަށަވަރުކުރުމަށް އިއްޔެ ކުޅުނު މެޗުގައި ވާދަކުރީ ހއ. އިހަވަންދޫ ސްކޫލާއި ވ. ކެޔޮދޫ ސްކޫލެވެ. ފުރަތަމަ ދެ ސެޓު 25-19އަދި 25-15އިން ކެޔޮދޫ ސްކޫލުން ހޯދާފައި ވަނިކޮށް، އިހަވަންދޫ ސްކޫލުން ވަނީ ފަހު ތިން ސެޓު (25-16، 25-22، 19-17)ކާމިޔާބުކޮށް ތިންވަނަ މަގާމު ޔަގީންކޮށްފައެވެ.
މި މުބާރާތުގެ އަންހެން ބައިގެ ކުޅުން ވެސް މިހާރު ކުރިއަށްދާއިރު، މިއަދު ސެމީ ފައިނަލް މެޗުތައް ކުޅޭނެއެވެ. އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.