ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ތުޅާދޫ ބަލިކޮށް ބ.އަތޮޅުގެ ޗެމްޕިއަންކަން އޭދަފުއްޓަށް

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ބ. އަތޮޅުގެ ފައިނަލްގައި ތުޅާދޫގެ މައްޗަށް ކުރިހޯދައި، އެ އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށިން ރޭ ހާސިލުކޮށްފިއެވެ.

އޭދަފުށީގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗު އެ ރަށުގެ ޓީމުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އޭދަފުށީގެ ފަރާތުން ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ފާސިރާއި، އިޝާން އިބްރާހީމް (ސައްޓު)އެވެ. މި ކާމިޔާބީއާއެކު އޭދަފުށްޓާއި ރަނަރަޕް ތުޅާދޫ ވަނީ ޒޯން ޗެމްޕިއަންޝިޕަށް ދަތުރުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ފައިނަލްގައި މޮޅު ކުޅުމެއް ދެއްކި އޭދަފުށީގެ ސައްޓުއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ދޮންފަނުގެ މޮހްސެން މޮންތަޒޭމީ ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އޭދަފުށީގެ މުޙައްމަދު ފުހައިދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އޭދަފުށީގެ ސައްޓު، ފާސިރު އަދި އިމްތިޝާލް އަބްދުލް ރަހީމްގެ އިތުރުން ތުޅާދޫގެ އާދިލް އަބްދުލްރަހްމާން އަދި އިސްމާޢީލް ރަޝީދެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ މުބާރާތުގެ ރަނަރަޕް ތުޅާދޫއެވެ.

ކްލަބް މޯލްޑިވްސްއާ ގުޅިގެން އެފްއޭއެމްއިން ކުރިއަށްގެންދާ މި މުބާރާތުގެ ބ. އަތޮޅުގައި ޖުމްލަ ހަ ރަށަކުން ވާދަކުރިއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މި މުބާރާތުގައި ވާދަކުރީ އޭދަފުށީގެ އިތުރުން ގޮއިދޫ، މާޅޮސް، ތުޅާދޫ، ފެހެންދޫ އަދި ދޮންފަނެވެ.

އެފްއޭއެމްގެ އައު އޮނިގަނޑުގެ ދަށުން އަތޮޅު މުބާރާތުގެ ޗެމްޕިއަނުންނާއި ރަނަރަޕުން ޒޯން މުބާރާތަށް ކޮލިފައިވާނެއެވެ. އެއަށްފަހު ޒޯންގެ ގަދަ ދެ ޓީމު ރީޖަނަލް މުބާރާތަށް ދަތުރުކޮށް، ރީޖަނަލް ޗެމްޕިއަނުންނަށް ގައުމީ މުބާރާތުން ޖާގަ ލިބޭނެއެވެ. ގައުމީ މުބާރާތުގެ ގަދަ ހަތަރު ޓީމަށް 2027ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ކަށަވަރުވާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ އަތޮޅު ބުރުގައި 16އަތޮޅަކުން 59ޓީމު ވަނީ ބައިވެރިވެފައެވެ. މީގެ ތެރެއިން މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫން އެންމެ ޓީމެއް ބައިވެރިވެފައިވާތީ، އެ ޓީމުތަކަށް ވަނީ އޮޓަމެޓިކުން ޒޯން މުބާރާތުގެ ޖާގަ ކަށަވަރުވެފައެވެ. މީގެ ކުރިން ހއ. އަތޮޅުގެ މުބާރާތް ނިމިފައިވާއިރު، އެ އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އިހަވަންދޫއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު