ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ފ. އަތޮޅު ބުރުގެ ފައިނަލްގައި ދަރަނބޫދޫގެ މައްޗަށް 12-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ތަށި ނިލަންދޫއިން އުފުލާލައިފިއެވެ.
އަމިއްލަ ރަށުގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި ނިލަންދޫއިން ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި އެ ޓީމުގެ އަހުމަދު ރިޒުވާން އިސްމާއީލް ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރިއިރު، މޫސާ ޖަމާލް އަދި އުލާން ކުރެން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މުހައްމަދު ޝިމްރާން އަލީ، އިސްމާއީލް އަތީދު، އިޔާޒް އަހުމަދު، އާދިލް އަލީގެ އިތުރުން އަހުމަދު އަލީ ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހާފައެވެ. ދަރަނބޫދޫ ޓީމުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަތޫފް އާދަމް އަދި އަލީ ނަސީރުއެވެ. ލީގު އުސޫލުން ކުޅުނު މި މުބާރާތުގެ ފައިނަލަށް ނިލަންދޫއާއި ދަރަނބޫދޫ ދަތުރުކުރީ ޕޮއިންޓް ތާވަލްގެ އެންމެ ކުރި ހޯދައިގެންނެވެ.
މުބާރާތުގެ ފ. އަތޮޅު ބުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބުނީ ނިލަންދޫ ޓީމުގެ މޫސާ ޖަމާލަށެވެ. އެންމެ މޮޅު ކޯޗަކަށް އެ ޓީމުގެ ފަރުހާދު އިސްމާއީލް ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް އަދި ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމު ލިބުނީ މަގޫދޫއަށެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ނިލަންދޫގެ އުލާންއާއި މޫސާ ޖަމާލް، މަގޫދޫގެ އިކުރާމް އަހުމަދު އަދި މާހިލް މިގުދާދު، އޭގެ އިތުރުން ދަރަނބޫދޫގެ އަލީ ނަސީރުއެވެ.
ފ. އަތޮޅުން ޖުމްލަ ފަސް ރަށަކުން މި މުބާރާތުގައި ބައިވެރިވިއެވެ. އެއީ ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ފީއަލި އަދި ބިލެތްދޫއެވެ. މުޅި ރާއްޖެއަށް އަމާޒުކޮށްގެން އެފްއޭއެމްގެ އައު އޮނިގަނޑުގެ ދަށުން ބާއްވާ މި މުބާރާތުގައި 16އަތޮޅަކުން 59ޓީމު ވާދަކުރެއެވެ. އެންމެ ޓީމެއް ބައިވެރިވުމުގެ ސަބަބުން ކުޅުމަކާ ނުލައި މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު، އަދި ވ. ކެޔޮދޫ ވަނީ ސީދާ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަތޮޅެއްގެ ފައިނަލަށް ދާ ދެ ޓީމަށް (ޗެމްޕިއަން އަދި ރަނަރަޕް)ޒޯން ޗެމްޕިއަންޝިޕުން ޖާގަ ލިބޭނެއެވެ. ޒޯން ބުރުގެ ގަދަ ދެ ޓީމު ރީޖަނަލް ބުރަށް ދާއިރު، ރީޖަނަލް ޗެމްޕިއަނުންނަށް ނެޝަނަލް ޗެމްޕިއަންޝިޕްގައި ކުޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ނެޝަނަލް ބުރުން ޖާގަ ހޯދާ ގަދަ ހަތަރު ޓީމަކަށް 2027ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ކަށަވަރުވާނެއެވެ.
މިހާތަނަށް ކުޅެވުނު އަތޮޅު ބުރުތަކުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. ކަނޑިތީމު، ނ. މަގޫދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ހިންނަވަރު، އއ. މަތިވެރި، އދ. ދަނގެތި، ވ. ކެޔޮދޫ، ދ. މާއެނބޫދޫ އަދި ކ. ގާފަރު ހިމެނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.