މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަލަށް އެކުލަވާލި އޮނިގަނޑުގެ ދަށުން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ކްލަބް މޯލްޑިވްސްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ މި ބޮޑު މުބާރާތް ފަރުމާކޮށްފައި ވަނީ ގިނަ މަރުހަލާތަކެއް ކަނޑަތުކުރުމަށްފަހު ގައުމީ ފެންވަރުގައި ޓީމުތަކަށް ވާދަކުރެވޭ ގޮތަށެވެ. އެގޮތުން އަތޮޅު މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމު ޒޯން މުބާރާތަށް ކޮލިފައިވާއިރު، ޒޯނުގެ ގަދަ ދެ ޓީމު ރީޖަނަލް މުބާރާތަށް ދާނެއެވެ. އަދި ރީޖަންތަކުގެ ޗެމްޕިއަނުންނަށް ނެޝަނަލް ޗެމްޕިއަންޝިޕުން ޖާގަ ލިބި، އެ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމު 2027ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގަށް ޕްރޮމޯޓްވާނެކަމަށް އެފްއޭއެމްއިން ބުނެއެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން، އަތޮޅު ބުރުގައި ކޮންމެ ރަށެއްގެ ޓީމަކަށް ވެސް ކުޅެވޭނީ ހަމައެކަނި އެ ރަށެއްގެ ރަށްވެހިންނަށެވެ. ނަމަވެސް ކޮންމެ ޓީމަކަށް އެއް ބިދޭސީ ކުޅުންތެރިޔަކު ގެނައުމުގެ ފުރުސަތު އޮންނާނެއެވެ. ޒޯން އަދި ރީޖަނަލް މަރުހަލާއަށް ދަތުރުކުރާ ޓީމުތަކަށް ސްކޮޑު ބަދަލުކުރުމުގެ ފުރުސަތު ދޭއިރު، އެ ބުރުތަކުގައި ރަށުން ބޭރު އެއް ދިވެހި ކުޅުންތެރިޔަކާއި ބިދޭސީ އެއް ކުޅުންތެރިޔަކު ޖެހުމުގެ ހުއްދަ ކޮންމެ ޓީމަކަށް ވެސް ލިބިގެންދާނެއެވެ.
ޓީވީއެމްގައި ރޭ ގުރުއަތުލުން ކުރިއަށްދިޔަ މި މުބާރާތުގެ އަތޮޅު ބުރުގައި 16އަތޮޅަކުން ޖުމްލަ 59ޓީމު ވާދަކުރެއެވެ. މީގެ ތެރެއިން ފަސް އަތޮޅަކުން އެންމެ ޓީމެއް ކުރިމަތިލާފައިވުމާ އެކު، އެ ޓީމުތަކަށް ވަނީ އޮޓޮމެޓިކުން ޒޯން މުބާރާތުގެ ޖާގަ ކަށަވަރުވެފައެވެ. އެއީ މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫއެވެ.
މުބާރާތުގެ ކުޅުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައެވެ. ބުރާސްފަތި ދުވަހު އޭދަފުށީގައި ފަށާ މި މުބާރާތުގައި އެ ރަށުގެ އިތުރުން ގޮއިދޫ، މާޅޮސް، ތުޅާދޫ، ފެހެންދޫ އަދި ދޮންފަނު ވާދަކުރާނެއެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި ބުރުގެ ފައިނަލް މެޗުތައް މި މަހުގެ 15އަށް ނިމޭނެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި މުބާރާތުގެ މެޗުތައް މި މަހާއި އަންނަ މަހުގެ ތެރޭގައި ކުރިއަށްދާނެއެވެ. އުތުރުގެ އަތޮޅުތަކަށް ބަލާއިރު، ހއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑައަޅަން އިހަވަންދޫ އާއި ފިއްލަދޫ ބައްދަލުކުރާ މެޗު މި މަހުގެ 10ގައި ކުޅޭނެއެވެ. ހދ. އަތޮޅުން ނޮޅިވަރަންފަރު، ހަނިމާދޫ، ކުމުންދޫ، ނޭކުރެންދޫ، ކުރިނބި އަދި ނައިވާދޫ ވާދަކުރާއިރު، މި މެޗުތައް މި މަހުގެ 13އިން 23އަށް ނޮޅިވަރަންފަރުގައި ކުރިއަށްދާނެއެވެ. ނ. އަތޮޅުގެ މަނަދޫ، ޅޮހި، މަގޫދޫ އަދި މާފަރުގެ ކުޅުން މަނަދޫގައި އޮންނާނީ މި މަހުގެ 14އިން 21އަށެވެ. ރ. އަތޮޅުގެ އިނގުރައިދޫ އަދި ދުވާފަރު ވާދަކުރާ މެޗު މި މަހުގެ 19ގައި އޮންނައިރު، ޅ. އަތޮޅުގެ ހިންނަވަރާއި ނައިފަރު ވާދަކުރާ މެޗު އޮންނާނީ މި މަހުގެ 21ގައެވެ. އަދި ކ. އަތޮޅުގެ ހިންމަފުށި، ގުރައިދޫ، މާފުށި އަދި ގާފަރުގެ މެޗުތައް ހިންމަފުށީގައި މި މަހުގެ 23އިން 29އަށް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.
މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ތެރެއިން، އއ. އަތޮޅުގެ މަތިވެރި އާއި ބޮޑުފޮޅުދޫ މި މަހުގެ 25ގައި ކުޅޭއިރު، އދ. އަތޮޅުގެ ދަނގެއްޗާއި މަންދޫ ވާދަކުރާނީ މި މަހުގެ 26ގައެވެ. މ. އަތޮޅުގެ މުލި، ކޮޅުފުށި، ދިއްގަރު، ވޭވަށް އަދި މުލަކުގެ ކުޅުން މުލީގައި މި މަހުގެ 27އިން ސެޕްޓެމްބަރު 7އަށް އޮންނާނެއެވެ. ފ. އަތޮޅުގެ ނިލަންދޫ، ބިލެތްދޫ، ދަރަނބޫދޫ، ފީއަލި އަދި މަގޫދޫގެ މެޗުތައް ނިލަންދޫގައި ކުރިއަށްދާނީ މި މަހުގެ 21އިން އަންނަ މަހުގެ 1އަށެވެ. ދ. އަތޮޅުގެ ކުޑަހުވަދޫ އާއި މާއެނބޫދޫ ބައްދަލުކުރާ މެޗު މި މަހުގެ 27އަށް ތާވަލުކޮށްފައިވާއިރު، ތ. އަތޮޅުގެ ތިމަރަފުށި، ވޭމަންޑޫ އަދި ކިނބިދޫގެ މެޗުތައް ތިމަރަފުށީގައި ސެޕްޓެމްބަރު 2އިން 9އަށް ކުޅޭނެއެވެ. ލ. އަތޮޅުގެ ގަން، ފޮނަދޫ އަދި އިސްދޫގެ ކުޅުން ގަމުގައި ސެޕްޓެމްބަރު 3އިން 10އަށް ކުރިއަށްދާނެއެވެ. ގއ. އަތޮޅުގެ ދެއްވަދޫ، ވިލިނގިލި، ކޮނޑޭ އަދި ގެމަނަފުށީގެ މެޗުތައް ދެއްވަދޫގައި ސެޕްޓެމްބަރު 7އިން 14އަށް އޮންނައިރު، ގދ. އަތޮޅުގެ ފަރެސްމާތޮޑާ އާއި ވާދޫ ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރު 10ވަނަ ދުވަހުއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.