ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބ. އަތޮޅު ބުރު: އޭދަފުއްޓާއި ތުޅާދޫއަށް ކާމިޔާބީ

ޝެއާ ކުރޭ Facebook Telegram Viber X

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބް މޯލްޑިވްސް ގުޅިގެން ބާއްވާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ބ. އަތޮޅުގެ ކުޅުން އޭދަފުށީގައި ފަށާފައިވާއިރު، ފުރަތަމަ ދުވަހުގެ މެޗުތައް ކާމިޔާބުކޮށް އޭދަފުއްޓާއި ތުޅާދޫއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މި މުބާރާތުގެ ގްރޫޕް އޭ ގައި ގޮއިދޫއާ ވާދަކޮށް 4-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯސްޓް އޭދަފުށި ވަނީ ކުރިހޯދާފައެވެ. މެޗުގެ ލީޑު ފުރަތަމަ ނެގީ ގޮއިދޫއިންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި ހަސަން ޝާމް ކާމިޔާބުކުރި ގޯލާއެކު އެ ޓީމު ކުރީގައި އޮއްވައި، އޭދަފުށިން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މުއާޒް އަލީ ނަތީޖާ ހަމަހަމަކޮށްދިން އިރު، ދެވަނަ ހާފުގެ ކުރީކޮޅު އަހުމަދު ސުހައިލް ވަނީ އޭދަފުއްޓަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މުހައްމަދު ފާސިރު އަދި ކެޕްޓަން އިޝާން އިބްރާހިމް ޖެހި ގޯލުތަކާއެކު އޭދަފުށިން މޮޅު ކަށަވަރުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ އިޝާންއެވެ.

މީގެ އިތުރުން ގްރޫޕް ބީ ގައި ފެހެންދޫއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު ތުޅާދޫ އިން ކާމިޔާބުކުރީ 3-2އިންނެވެ. ހަސަން ނާއިލް ދާއޫދު އަތުން ބައިކޮޅަށް ވަން ލަނޑަކުން ފެހެންދޫއަށް ފުރަތަމަ ލީޑު ލިބުނު ނަމަވެސް، ހާޔަން ހަސަން ހުސެއިން ވަނީ ތުޅާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އާދިލް އަބްދުއްރަހްމާން ތުޅާދޫއަށް ލީޑު ނަގައިދީފައި ވަނިކޮށް، ފެހެންދޫގެ ހަސަން ސާޖިދު ގޯލެއް ޖަހައި އަލުން ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ތުޅާދޫއަށް ތިން ޕޮއިންޓް ޔަގީންކޮށްދިން މުހިންމު ލަނޑު ކާމިޔާބުކޮށްދިނީ އީމާން އިލްޔާސްއެވެ.

ޖުމްލަ ހަ ރަށަކުން ވާދަކުރާ ބ. އަތޮޅު ބުރު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. މާޅޮސް، ގޮއިދޫ އަދި އޭދަފުށި ގްރޫޕް އޭ ގައި ހިމެނޭއިރު، ގްރޫޕް ބީ ގައި އޮތީ ތުޅާދޫއާއި ފެހެންދޫގެ އިތުރުން ދޮންފަނެވެ.

މި މުބާރާތުގައި މާދަމާ ހަވީރު އޭދަފުއްޓާއި މާޅޮސް ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭނީ ތުޅާދޫ އާއި ދޮންފަނެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން މި މަހުގެ 10އަށް ނިމޭނެއެވެ. ސެމީ ފައިނަލް މެޗުތައް 12ވަނަ ދުވަހު ކުޅުމަށް ތާވަލުކޮށްފައިވާއިރު، ތަށި އުފުލާލާނެ ޓީމެއް ކަށަވަރުކުރާ ފައިނަލް މެޗު އޮންނާނީ މި މަހުގެ 15ގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު