ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކްލަބް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ބ. އަތޮޅު ބުރުގައި، މުބާރާތް ބާއްވާ ރަށް ކަމަށްވާ އޭދަފުށި 3-0ގެ ނަތީޖާއަކުން ބަލިކޮށް މާޅޮހުން މުހިންމު އަދި ތާރީޚީ މޮޅެއް ކަށަވަރުކޮށްފިއެވެ.
ރާއްޖޭގެ ފުޓުބޯޅައިގައި އޭދަފުށްޓަކީ ނުފޫޒުގަދަ ބާރަކަށް ވީހިނދު، ފުޓްސަލްގައިވެސް އެރަށަކީ ގައުމީ އަދި އަތޮޅު ފެންވަރުގައި ވެސް ބަލިކުރަން އުނދަގޫ ޓީމެއްގެ ގޮތުގައި ވަނީ ލޭބަލްކުރެވިފައެވެ. ނަމަވެސް އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ އޭދަފުށީގެ ޓީމު މާޅޮހުން ސިއްސުވާލުމަކީ، އެރަށުގެ ފުޓްސަލް ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ފަޚުރުވެރި އެއް ހަނދާނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި މާޅޮހުން ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މުޙައްމަދު ނަބީލް ފުރަތަމަ ލަނޑު ކާމިޔާބުކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ. އަދި ދެވަނަ ހާފުގެ 31ވަނަ މިނެޓުގައި މުޙައްމަދު އަމީމް އިބްރާޙީމް ޖަހައިދިން ގޯލާއެކު މާޅޮހުން މެޗުގެ ނަތީޖާ ޔަގީންކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލުކުރީ ދެ ގޯލު ޖެހި ނަބީލެވެ.
އޭދަފުށިން މެޗުގެ ކޮންޓްރޯލް ހޯދައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، މާޅޮހުގެ ގޯލްކީޕަރު މުޙައްމަދު އާތިފް ވަނީ ހުޝިކަމާ އެކު އެ ހުރިހާ ހަމަލާއެއް ދިފާއުކޮށް، ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖަށް ބަލާއިރު، މި ނަތީޖާއާއެކު އޭދަފުށްޓަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. މިހާރު މާޅޮހާއި އޭދަފުށްޓަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ތިންވަނަ ޓީމު ކަމަށްވާ ގޮއިދޫއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ފުރަތަމަ މެޗުގައި އޭދަފުށިން ވަނީ 4-1އިން ގޮއިދޫ ބަލިކޮށްފައެވެ. މި ގްރޫޕުން ސެމީއަށް ދާނެ ޓީމުތައް ޔަގީންވެގެންދާނީ މި މަހުގެ 10ވަނަ ދުވަހު މާޅޮހާއި ގޮއިދޫ ވާދަކުރާ މެޗަށް ފަހުއެވެ.
މީގެ އިތުރުން، ބ. އަތޮޅު މުބާރާތުގެ ގްރޫޕް ބީ ގައި މިރޭ ދޮންފަނާ ދެކޮޅަށް ތުޅާދޫ ނުކުންނައިރު، މި މެޗު އެއްވަރުކޮށްލައިގެން ވެސް ތުޅާދޫއަށް ސެމީގެ ޖާގަ ލިބޭނެއެވެ. އަދި މޮޅުވެއްޖެނަމަ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމު ސެމީއަށް ދަތުރުކުރާނެއެވެ. ތުޅާދޫއިން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ފެހެންދޫގެ މައްޗަށް 3-2އިން ކުރިހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.