ކަޒަކިސްތާނުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ފީބާ އޭޝިއާ ކަޕް 2029ގެ ޕްރީ-ކޮލިފައިން މުބާރާތުގައި ވާދަކުރުމަށްޓަކައި ދިވެހި ޤައުމީ ބާސްކެޓްބޯޅަ ޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ރަސްމީކޮށް ޖާޒީ ހަވާލުކުރައްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން، ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހީމް އާއި މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް އަޙްމަދު އާދަމްގެ އިތުރުން އެ އިދާރާގެ އިސް މަސްއޫލުވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭޝިއާ ކަޕްގެ ފުރަތަމަ ބުރުގެ ކޮލިފައިންގައި ރާއްޖެ ލައްވާލާފައި ވަނީ ގްރޫޕް ބީ ގައެވެ. ދިވެހި ޓީމާ ދެކޮޅަށް މި ގްރޫޕްގައި ދެން ނުކުންނާނީ ފަލަސްޠީން، ސްރީލަންކާ، ކިރިގިސްތާން އަދި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ކަޒަކިސްތާނެވެ.
މި ގްރޫޕްގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ކަޒަކިސްތާނުގެ އަލްމަޓީ ސިޓީގައި ގާއިމުކޮށްފައިވާ ބަލުއާން ޝޯލަކް ސްޕޯޓްސް ޕެލަސްގައެވެ. މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި ހިނގާ އޮގަސްޓް މަހުގެ 25ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.