ކަޒަކިސްތާނުގެ އަލްމަޓީގައި އިއްޔެ ފެށި ފީބާ އޭޝިއާ ކަޕް 2029ގެ ޕްރީ-ކޮލިފައިން މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަވެރި ސްރީލަންކާ އަތުން ދިވެހިރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ބަލުއާން ޝޯލަކް ސްޕޯޓްސް ޕެލަސްގައި ކުޅުނު މި ކުރިމަތިލުން ލަންކާގެ ކުޅުންތެރިން ކާމިޔާބުކޮށްފައި ވަނީ 107-65ޕޮއިންޓުގެ ތަފާތަކުންނެވެ. މި މެޗުން ރާއްޖެ ބަލިވި ނަމަވެސް، ޒުވާން ހުނަރުވެރި ކުޅުންތެރިޔާ މުޙައްމަދު ނާފް އިރްޝާން ވަނީ ދިވެހި ޓީމަށް 15ޕޮއިންޓް އެއްކޮށްދީ، މޮޅު ކުޅުމެއް ދައްކާފައެވެ.
އަށާރަ ޤައުމެއް ވާދަކުރާ މި މުބާރާތް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ދިވެހިރާއްޖެ ލައްވާލާފައި ވަނީ ގްރޫޕް ބީގައެވެ. މި ގްރޫޕްގައި ރާއްޖެއާއި ލަންކާގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަޒަކިސްތާނާއި، ފަލަސްތީނުގެ އިތުރުން ކިރްގިޒްސްތާނެވެ.
މުބާރާތުގައި ރާއްޖެއަށް ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު، ދެވަނަ މެޗުގައި މިރޭ ނުކުންނާނީ ބާރުގަދަ ކަޒަކިސްތާނާ ދެކޮޅަށެވެ. މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ފަލަސްތީނާ ކުރިމަތިލުމަށް ފަހު، މި ބުރުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު ނުކުންނާނީ ކިރްގިޒްސްތާނާ ދެކޮޅަށެވެ.
މި މަހުގެ ނިޔަލަށް ދެމިގެންދާ މި ޕްރީ-ކޮލިފައިން މަރުޙަލާއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކަށް މެއިން ކޮލިފައިންގައި ވާދަކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި އޭގެ ތެރެއިން އެންމެ ކުރި ހޯދާ 16ޓީމަކަށް 2029ވަނަ އަހަރުގެ ފީބާ އޭޝިއާ ކަޕުން ޖާގަ ކަށަވަރުވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.