ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް، ޔޫރަޕާއި އެމެރިކާ ބައްރުގެ ފުޓްބޯޅަ އިދާރާތަކާ ގުޅިގެން އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ)އިން ދާދިފަހުން ނިންމި ނިންމުންތަކަކީ މެމްބަރު ގައުމުތަކުގެ އެއްވެސް މަޝްވަރާއެއް ނެތި އަމިއްލައަށް ނިންމާފައިވާ ނިންމުންތަކެއްކަމަށް ބުނެ، ގަތަރުން އެކަމާ ދެކޮޅަށް ތެދުވެއްޖެއެވެ.
ގަތަރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިޔާ ޙަމަދު ބިން ޚަލީފާ އަލްޘާނީ، އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާއަށް އެޑްރެސްކުރައްވައި ފޮނުއްވި ޚާއްސަ ސިޓީފުޅެއްގައި ފާހަގަކުރައްވާފައި ވަނީ، އޭއެފްސީން ނެރުނު ގުޅިފައިވާ ބަޔާނަކީ މުޅި އޭޝިއާގެ ހުރިހާ މެމްބަރުންގެ ބަސްކަމަށް ދޭހަވާގޮތަށް އޮތް ނަމަވެސް، އެއީ ގަތަރާ އެއްވެސް ވަރަކަށް ޚިޔާލު ބަދަލުކުރެވިގެން ނެރެފައިވާ ލިޔުމެއް ނޫން ކަމަށެވެ.
އޭއެފްސީގެ ހިންގާ ކޮމިޓީގެ އިތުރުން ފީފާ ކައުންސިލްގައިވެސް އިންނަވާ އަލްޘާނީ ވަނީ، 47މެމްބަރު ގައުމުގެ ނަމުގައި ބަޔާނެއް ނެރުމުގެ ބާރު ލިބުނީ ކޮން އުސޫލެއްގެ ދަށުންތޯ ސުވާލު އުފައްދަވާފައެވެ. އަދި އެއްބަސްވުމަކަށް އާދެވޭނީ ގިނަ ބައެއްގެ މެދުގައި ވާހަކަދެކެވިގެން ކަމަށާއި، ކުއްލިއަކަށް ނެރޭ އިއުލާނަކުން އެކަން ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ ބަޔާން އާންމުކުރުމުގެ ކުރިން އޭގެ ޑްރާފްޓެއް ވެސް ގަތަރާ ހިއްސާކޮށްފައި ނުވާކަމަށް އެ ސިޓީގައިވެއެވެ.
އޭއެފްސީގެ ތެރޭގައި މި ބައިބައިވުން އުފެދިފައިވާއިރު، އިންފަންޓީނޯއާ ދެކޮޅަށް ޔުއެފާ އާއި ކޮންކާކަފް އަދި އޭއެފްސީން ނުކުމެފައި ވަނީ، ދުނިޔޭގެ ތާރީޚީ މުބާރާތްކަމަށްވާ ވޯލްޑް ކަޕްގެ 20އިންސައްތަ ހިއްސާ، 4.2ބިލިއަން ޑޮލަރަށް ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ މަސައްކަތްކުރެއްވުމާ ގުޅިގެންނެވެ. ކުރިއަށް އޮތް ފީފާ އިންތިޚާބުގައި ވާދަކުރައްވާ އިންފަންޓީނޯއަށް މިކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، މަގާމުން ވަކިވުމަށްވެސް މި ތިން ފެޑަރޭޝަނުން ގޮވާލާފައިވެއެވެ.
ނަމަވެސް އޭއެފްސީގެ ރަސްމީ ނިންމުމާ ޚިލާފަށް، އަރަބި ހަ ގައުމަކުން ވަނީ ދާދިފަހުން އިންފަންޓީނޯއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި 2022ގެ ވޯލްޑް ކަޕް ބޭއްވި ގަތަރާއި 2030ގެ މުބާރާތް ބާއްވާ މޮރޮކޯވެސް ހިމެނެއެވެ.
ފީފާ ކައުންސިލްގައި ވެސް ތަމްސީލުކުރައްވާ ގަތަރުގެ އަލްޘާނީއާއި، މިސްރުގެ ހާނީ އަބޫ ރިދާ، މޮރޮކޯގެ ފައުޒީ ލަކްޖާ އަދި މޮރިޓޭނިއާގެ އަޙްމަދު ޔަޙްޔާ ފަދަ ބޭފުޅުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ކުރިއަރުވަން އިންފަންޓީނޯ ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިންވެސްޓަރުންނަށް ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އިންފަންޓީނޯ ގެންގުޅުއްވި ޚިޔާލު، ފިއްތުންތައް ބޮޑުވުމުގެ ސަބަބުން މިހާރު ވަނީ އަނބުރާ ގެންދަވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.