ފީފާގެ އިންވެސްޓްމަންޓް ޕްލޭން ފެއިލްވުމާ ގުޅިގެން އެކަން އަލުން މުރާޖާކުރުމަށް އެ އިދާރާއިން ނިންމި ނިންމުމަށް އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑެރޭޝަން (އޯއެފްސީ)އިން މަރުހަބާ ކިޔާފައިވާއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހިގެން ނިއުޒީލެންޑުން އޭނާއަށް ކުރިން އޮތް ތާއީދު އަނބުރާ ގެންގޮސްފިއެވެ.
އަންނަ އަހަރު އޮންނަ ފީފާގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވަން އިންފަންޓީނޯ ތައްޔާރުވެވަޑައިގަންނަވާއިރު، އޭނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ ފުޓްބޯޅަ އިދާރާތައް ކަމަށްވާ ޔުއެފާ، އޭއެފްސީ އަދި ކޮންކާކަފްގެ އިތުރުން އޯޝޭނިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ ނިއުޒީލެންޑުން ވެސް މިހާރު ވަނީ އިންފަންޓީނޯއާ ދެކޮޅަށް ތެދުވެފައެވެ. މި ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ވޯލްޑް ކަޕާއި ފީފާގެ އެހެނިހެން މުބާރާތްތަކަށް އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ހޯދުމަށް އިންފަންޓީނޯ ގެންގުޅުއްވި އުސޫލުތަކެވެ.
ފީފާގެ ލީޑަރޝިޕްގެ ދަށުން އޯޝޭނިއާ ސަރަހައްދުގެ ފުޓްބޯޅައަށް ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރަމުން، ދުނިޔޭގެ އެންމެ ކުޑަ ކޮންފެޑެރޭޝަން ކަމަށްވާ އޯއެފްސީން ބުނީ "ފީފާ ފޯވާޑް އެންޓަޕްރައިޒް"ޕްރޮޕޯސަލް އަނބުރާ ގެންގޮސް، އެ މައްސަލަ ބަލަން ފީފާއިން ނިންމުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އަދި މި މައްސަލަތައް ހައްލުކޮށް، ކުރިއަށް އޮތް ތަނުގައި ހަރުދަނާ ބަދަލުތަކެއް ގެނައުމަށް އެ އިދާރާއިން ވަނީ ފީފާއަށް ގޮވާލާފައެވެ.
ނަމަވެސް، މިއަހަރުގެ ވޯލްޑް ކަޕަށް އޯޝޭނިއާއިން ކޮލިފައިވި ހަމައެކަނި ގައުމު ކަމަށްވާ ނިއުޒީލެންޑުން ވަނީ މިއަށްވުރެ ހަރުކަށި އިބާރާތަކުން ވާހަކަދައްކާފައެވެ. އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގަބޫލުކުރާ ގޮތުގައި ފީފާގެ އެތެރޭގެ ނިންމުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފުޓްބޯޅަ މުޖުތަމައުގެ މެދުގައި ވަނީ ބައިބައިވުން އުފެދި، އިތުބާރު ކުޑަވެފައެވެ. އެހެންކަމުން، އެކުލަވާލި އިންވެސްޓްމަންޓް ސްކީމްގެ ކަންކަން ހިނގާދިޔަ ގޮތް މިނިވަން ފަރާތަކުން ތަހުގީގުކޮށް މުރާޖާކުރުމަށް އެ ގައުމުން ވަނީ ޑިމާންޑުކޮށްފައެވެ.
އިންފަންޓީނޯ އިސްވެ ހުންނަވައިގެން ގެންނަން އުޅުނު މި ޕްލޭންގެ ދަށުން، ކޮންމެ މެމްބަރު ގައުމަކަށް ކުރިއަށް އޮތް ދައުރުގައި 20މިލިއަން ޑޮލަރު ދިނުމަށާއި، އެއްބަސްވުމުގައި ސޮއިކުރާ ގައުމުތަކަށް އެ އަދަދު ދެގުނަ ކުރުމަށް ހުށަހަޅާފައިވެއެވެ. ނަމަވެސް މި ޕްލޭން ކުރިއަށް ގެންދިއުމުގައި ގޯސްތަކެއް ހެދިފައިވާކަން ގަބޫލުކޮށް، މޮރޮކޯގައި ދާދިފަހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފީފާއިން ވަނީ 211މެމްބަރު ގައުމުގެ ކިބައިން މާފަށް އެދިފައެވެ. އެހެން ނަމަވެސް، ފީފާގެ އިސްވެރިންގެ ފުރިހަމަ އިތުބާރު އަދިވެސް އިންފަންޓީނޯއަށް އޮތްކަން އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.