ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މުއްދަތެއް ނެތްގޮތަށް މެސީ ފުޓްބޯޅަކުޅުން ހުއްޓާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ ގިނަ ދުވަސްތަކަކަށް ބަލިވެ އުޅުމަށް ފަހު މަރުވުމާ ގުޅިގެން، ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން މެސީ އޭނާގެ ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރު ވަކި މުއްދަތެއް ނެތްގޮތަށް މެދުކަނޑާލައިފިއެވެ. 

އުމުރުން 68އަހަރުގައި ޖޯޖް މެސީ ދުނިޔެ ދޫކުރިއިރު، އޭނާއަކީ މެސީގެ ކެރިއަރުގެ ފެށުމުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާގެ އެންމެ އިސް އެޑްވައިޒަރު އަދި އޭޖެންޓެވެ. ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ 'ފުޓް މާކާޓޯ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަށް ފަހަރު ބެލޮންޑިއޯ އެވޯޑު ހާސިލުކޮށްފައިވާ މެސީ ވަނީ ކްލަބުގެ އެންމެހާ ޒިންމާތަކުން މިވަގުތަށް ދުރަށް ޖެހިލާފައެވެ. އެހެންކަމުން، އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ އިންޓަރ މިއާމީއަށް މިހާރު ކުޅެމުން އަންނަ މެސީ، އެނބުރި ދަނޑަށް ނުކުންނާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. 

މެސީގެ ކާމިޔާބު ފުޓުބޯޅަ ހަޔާތުގައި އޭނާގެ ބައްޕަގެ ދައުރު ވަރަށް ބޮޑެވެ. އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއިސްއިން ފެށިގެން ސްޕެއިންއަށް ބަދަލުވެ، ދުނިޔޭގެ އެންމެ އުސް ހަރުފަތަށް މެސީ ގެންދިއުމުގައި ޖޯޖް މެސީ ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައެވެ. އަދި ފާއިތުވި 20އަހަރު ދުވަހުގެ ތެރޭގައި މެސީގެ ބޮޑެތި އެއްބަސްވުންތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ވެސް އޭނާގެ ބައްޕައެވެ. ބައްޕަގެ ސިއްހީ ހާލަތު ގޯސްވަމުން ދިޔުމުގެ ސަބަބުން ދާދިފަހުން އެމެރިކާގައި ބޭއްވި މުބާރާތްތަކުގައިވެސް މެސީއަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކޮށްފައިވާކަމަށާއި، ބައްޕަގެ ވާހަކަ ދައްކާއިރު މެސީގެ ލޮލުން ކަރުނަ އައިސްފައިވާ މަންޒަރު ވެސް މީޑިއާތަކަށް ވަނީ ފެނިފައެވެ. 

ބައްޕަ ނިޔާވި ޚަބަރާއެކު މެސީ ވަނީ ވަގުތުން އެމެރިކާ ދޫކޮށް އުފަން ގައުމަށް ގޮސްފައެވެ. ރޮސާރިއޯގައި ބޭއްވި ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާންމުންނަށް ނުވަދެވޭ ގޮތަށް، ހަމައެކަނި އާއިލާގެ މެންބަރުންނާއެކުގައެވެ. މިވަގުތު މެސީ ހުރީ އޭނާގެ މަންމައާއި، އަނބިމީހާ އަދި ދަރިންގެ އިތުރުން އާއިލާގެ އެހެން މެންބަރުންނާއެކުގައެވެ. މެސީއަށް ހިތްވަރު ދިނުމުގެ ގޮތުން އާޖެންޓީނާ ގައުމީ ޓީމުގެ އެންހެލް ޑި މާރިއާ، ލެއަންޑްރޯ ޕެރެޑޭސް އަދި ނިކޮލަސް އޮޓަމެންޑީ ފަދަ ކުޅުންތެރިން އޭނާއާ ބައްދަލުކުރުމަށް ދާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މެސީ އެއްކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލަފާނެކަމަށް އާޖެންޓީނާގެ ބައެއް ނޫސްތަކުން ލަފާކުރި ނަމަވެސް، މިކަމާ ގުޅޭގޮތުން މެސީގެ ފަރާތުން ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. ރިޕޯޓުތައް ބުނާގޮތުން، ކެރިއަރުގެ މި ނާޒުކު ދަނޑިވަޅުގައި ކްލަބަށް އެނބުރި ދިޔުމާ މެދު ނުވަތަ ރިޓަޔަރ ކުރުމާ މެދު ގޮތެއް ނިންމުމަށް މެސީއަށް އިތުރު ވަގުތު ބޭނުންވާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު