ދުނިޔޭގެ ބޮޑެތި ފުޓުބޯޅަ އިދާރާތަކުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރަމުންދާ ފާޑުކިޔުންތަކާ އެކު އޭނާއަށް އޮތް އިތުބާރު ކުޑަވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާ މެދުވެރިކުރައްވައި އިންފަންޓީނޯގެ ދިފާއުގައި ވަރުގަދައަށް ވާހަކަފުޅުދައްކަވައިފިއެވެ.
ޓްރަމްޕް އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާގެ އެންމެ އިސްވެރިޔާގެ މަގާމުން އިންފަންޓީނޯ ދުރުކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ފުޓުބޯޅައިގެ ތާރީހު ދުށް އެންމެ ކާމިޔާބު، އަދި މާލީ ގޮތުން އެންމެ ފައިދާހުރި ވޯލްޑް ކަޕް އިންތިޒާމުކުރުމުގެ ޝަރަފު އިންފަންޓީނޯ ހޯއްދަވާފައިވާކަން ފާހަގަކުރައްވައި، އޭނާއާ ނުލައި އެފަދަ ކާމިޔާބީއެއް ދެން ތަކުރާރު ނުކުރެވޭނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
އިންފަންޓީނޯއަށް ތައުރީފުކުރައްވައި ޓްރަމްޕް މި މޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ޔޫރަޕާއި، އޭޝިއާ އަދި އުތުރު އެމެރިކާއާއި ކެރީބިއަން ސަރަހައްދުގެ ފުޓުބޯޅަ ފެޑެރޭޝަންތައް (ޔޫއެފާ، އޭއެފްސީ އަދި ކޮންކާކަފް)ގުޅިގެން ފީފާގެ ވެރިޔާއާ ދެކޮޅަށް ހަރުކަށި ބަޔާނެއް ނެރެފައިވަނިކޮށެވެ. މި އިދާރާތަކުން ބުނެފައިވަނީ، ފީފާގެ ފަހުގެ ނިންމުންތަކުގެ ސަބަބުން ގެއްލިފައިވާ އިތުބާރު އަލުން އިއާދަކުރުން މުހިންމު ކަމަށާއި، ފުޓުބޯޅައަކީ ވަކި މީހެއްގެ ނުވަތަ ބައެއްގެ މިލްކަކަށް ނުވާއިރު، ކަންކަން ކުރިއަށްދާންވާނީ ފުރިހަމައަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
މި މައްސަލަގަނޑު އުފެދިގެން އުޅެނީ، ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)ގެ ނަމުގައި އިންފަންޓީނޯ ތައާރަފުކުރަން އުޅުނު ޕްރޮޖެކްޓަކާ ގުޅިގެންނެވެ. މި މަޝްރޫއުގެ ދަށުން ފީފާ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ 21އިންސައްތަ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލުމަށް މަސައްކަތްކުރުމުން މެމްބަރު ގައުމުތަކުން ވަނީ އެކަމާ ނުރުހުންފާޅުކޮށްފައެވެ. މައްސަލަ ހޫނުވުމުން، އެފްއެފްއީއާ ގުޅޭގޮތުން ނިންމުނު ނިންމުންތަކުގައި ގޯސްތަކެއް ހުރިކަމަށް އެއްބަސްވެ އިންފަންޓީނޯ ވަނީ ފަހުން މައާފަށް ވެސް އެދިވަޑައިގެންފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.