ހޮންގް ކޮންގުގައި މިހާރު ކުރިއަށްދާ 14ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ "ކަޕް ޑިވިޝަން"ގައި ދިވެހިރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި، ސަރަހައްދުގެ ގަދަބާރެއް ކަމަށްވާ މެލޭޝިއާއާ ވާދަކޮށް 78-32އިން ބަލިވެއްޖެއެވެ.
މެޗުގެ ހަތަރު ކުއާޓަރުގައި ވެސް މެލޭޝިއާއިން ވަނީ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރު 18-8އިން، ދެވަނަ ކުއާޓަރު 23-6އިން، ތިންވަނަ ކުއާޓަރު 20-8އިން އަދި ފަހު ކުއާޓަރު 17-10އިން ކާމިޔާބުކުރީ މެލޭޝިއާ ޓީމުންނެވެ. މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސިންގަޕޫރު އަތުން ވެސް ވަނީ 81-19ގެ ތަފާތުބޮޑު ނަތީޖާއަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.
މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރާއްޖެއަށް ވާދަކުރަން މި ޖެހުނީ އޭޝިއާ ބައްރުގެ ނެޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ޤައުމާއެވެ. 1985ވަނަ އަހަރު ބާއްވަން ފެށި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ ގަދަ ތިން ޤައުމަކީ މެލޭޝިއާ، ސިންގަޕޫރު އަދި ސްރީލަންކާއެވެ.
ކަޕް ޑިވިޝަންގައި ހިމެނޭ ދިވެހި ޓީމަށް ދެން އޮތީ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން މި މަހުގެ 11ވަނަ ދުވަހުގެ ހަވީރު 16:00ގައި މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ހޮންގް ކޮންގާ ދެކޮޅަށް ނުކުންނައިރު، 12ވަނަ ދުވަހުގެ މެންދުރުފަހު 15:00ގައި ވާދަކުރާނީ ސްރީލަންކާއާއެވެ.
ވިދިވިދިގެން ފަސް ދުވަހު ފަސް މެޗު ކުޅެން ޖެހޭ މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ މައިދާނުގައި އަގުހުރި ތަޖުރިބާތަކެއް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ. ރައުންޑް ރޮބިން ފޯމެޓަށް ކުރިއަށްދާ މި ޑިވިޝަންގެ މެޗުތައް ނިމުމުން، އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމަކަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.