ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރާއްޖެ ބަލިވި ނަމަވެސް ކުޅުމަށް ބޮޑު ކުރިއެރުމެއް

ޝެއާ ކުރޭ Facebook Telegram Viber X

ހޮންގް ކޮންގުގައި މިހާރު ކުރިއަށްދާ 14ވަނަ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ "ކަޕް ޑިވިޝަން"ގައި ދިވެހިރާއްޖޭގެ ޤައުމީ ނެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސަރަހައްދުގެ ގަދަބާރު ސިންގަޕޫރު އަތުން 81-19އިން ބަލިވި ނަމަވެސް، ޓީމުގެ ކުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއެކު ބޮޑު ކުރިއެރުމެއް ދައްކައިފިއެވެ.

ކައި ޓަކް ސްޕޯޓްސް ޕާކުގައި ކުޅުނު މި މެޗުގެ ފުރަތަމަ ތިން ކުއާޓަރުގައި ސިންގަޕޫރުން ވަނީ ބޮޑު ލީޑެއް ނަގާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރު 23-4އިން، ދެވަނަ ކުއާޓަރު 21-3އިން އަދި ތިންވަނަ ކުއާޓަރު 23-3އިން ކާމިޔާބުކުރީ ސިންގަޕޫރުންނެވެ. ނަމަވެސް ފަހު ކުއާޓަރުގައި ދިވެހި ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ރަނގަޅު ފައިޓެއް ދީފައެވެ. އެ ކުއާޓަރު ނިމުނީ 14-9އިން ސިންގަޕޫރަށް ކުރި ލިބިގެންނެވެ.

މިއީ ސިންގަޕޫރާ ދެކޮޅަށް ރާއްޖެއިން އެންމެ ފަހުން ކުޅުނު މެޗާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. ސިންގަޕޫރުގައި 2022ވަނަ އަހަރު އޮތް 12ވަނަ އޭޝިއަން ޗެމްޕިއަންޝިޕުގައި އެ ޤައުމާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 96-10ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސިންގަޕޫރަކީ އޭޝިއާ ސަރަހައްދުގައި ނެޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ޓީމެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، މި މުބާރާތުގެ ތާރީޚުގައި އެންމެ ތަފާތު ބޮޑުކޮށް މެޗުތައް ކާމިޔާބުކުރުމުގެ ރެކޯޑްވެސް އޮންނަނީ އެ ޤައުމަށެވެ. މީގެ ކުރިން 2022ގައި ޖަޕާން އަތުން 103-03އިން އަދި މިއަހަރު އިރާޤު އަތުން 122-03އިން ސިންގަޕޫރު މޮޅުވެފައިވެއެވެ.

މި މުބާރާތުގައި ޖެހިޖެހިގެން ފަސް ދުވަހު ފަސް މެޗު ކުޅެން ރާއްޖެއަށް ޖެހޭއިރު، ދެވަނަ މެޗުގައި މިއަދު ހަވީރު 16:00ގައި ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ. އެއަށްފަހު މި މަހުގެ 10ވަނަ ދުވަހުގެ 12:00ގައި އިންޑިއާއާ ވާދަކުރާއިރު، 11ވަނަ ދުވަހުގެ 16:00ގައި ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ހޮންގް ކޮންގާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި 12ވަނަ ދުވަހުގެ 15:00ގައި ސްރީ ލަންކާއާ ކުރިމަތިލާނެއެވެ.

ކަޕް ޑިވިޝަންގައި ހިމެނޭ މި ހަ ޓީމު ރައުންޑް ރޮބިން އުސޫލުން ކުޅުމަށްފަހު، ސެމީ ފައިނަލުގެ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށެވެ. އޭޝިއާގެ ގަދަބާރުތަކާއެކު މި ޑިވިޝަންގައި ވާދަކުރުމަކީ ރާއްޖޭގެ ޤައުމީ ޓީމަށް ބައިނަލްއަޤްވާމީ މައިދާނުގައި އިތުރު ތަޖުރިބާތަކެއް ހޯދައި، ކުރިއެރުން ހޯދުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު