އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް މި މަހުގެ 11ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ފަރިތަކުރުމަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަން ބޭނުންނުވާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ތޯމަސް ޓުރްޗާ ހާމަކޮށްފިއެވެ.
ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިދިވިދިގެން ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސް އެންމެ ފުރިހަމަ ނޫންކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ޓުރްޗާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއުރޭޑިއަންޓް ބަލިކުރުމުގެ އިތުރުން، ކަޕް ވިނާސް ކަޕްގައި ކުޅުނު ދެ މެޗުން މޮޅުވެ އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވުމަކީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗަށް ނުކުންނައިރު ޓީމަށް ލިބިފައިވާ ވަރަށް ބޮޑު ހިތްވަރެކެވެ.
މީގެ އިތުރުން، އިދިކޮޅަށް ނުކުންނަ ތަޖިކިސްތާނުގެ ޓީމުގެ ކުޅުން ދިރާސާކޮށް، އެ ޓީމުގެ މައްޗަށް ކުރިހޯދިދާނެ ގޮތްތައް ބަލަމުން އަންނަކަމަށް ކޯޗު ބުންޏެވެ. ނަމަވެސް މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މާޒިޔާގެ ކުޅުންތެރިންގެ ފިޓްނަސްއާއި ކުޅުމުގައި ހުރި އުނިކަންކަން ރަނގަޅުކުރުމަށް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ފަހަރުގެ ފުޓުބޯޅަ ސީޒަނާ މާޒިޔާއިން ކުރިމަތިލާފަ އިވަނީ 25އަހަރުން ދަށުގެ ޒުވާން ކުޅުންތެރިން ގިނަ ސްކޮޑަކާއެކުގައެވެ. އަދި އެ ޓީމަށް ގެނައި ބިދޭސީ ހަތަރު ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިއަކު ވަނީ ދާދި ފަހުން ކަޕް ވިނާސް ކަޕްގައި ކުޅުނު މެޗުތަކުގައި ބޭނުންކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.