އަންނަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖަށް ދަތުރުކުރުމަކީ ރާއްޖޭގެ އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އެންމެ ބޮޑު އަމާޒުކަމުގައި އެ ކުލަބުން ހާމަކޮށްފިއެވެ.
މި މުބާރާތުގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާއިން ނުކުންނާނީ ވަރަށް މުހިންމު އަދި ނިންމާލަނިވި ކުރިމަތިލުމަކަށެވެ. އެގޮތުން، މި މެޗުން މޮޅުވާ ޓީމަކަށް ޖުމްލަ 20ކުލަބު ވާދަކުރާ ޗެލެންޖް ލީގުގެ މައިގަނޑު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭއިރު، ނާކާމިޔާބުވާ ޓީމެއް މުބާރާތުން އެއްކޮށް ކަޓާނެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާޒިޔާގެ މެނޭޖަރު އިބްރާހީމް ވަހީދު ވިދާޅުވީ، ކުލަބުގެ މައިގަނޑު އަމާޒަށް ވާސިލުވުމަށް ޓަކައި ޓީމު ވަރުގަދަކުރުމުގެ ގޮތުން ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން ގެނައި ކުޅުންތެރިޔާ ވެސް މިހާރު ޓީމާ ގުޅިފައިވާކަން ފާހަގަކުރައްވައި، އަންގާރަ ދުވަހުގެ މެޗުން މޮޅުވެ ގްރޫޕް ސްޓޭޖަށް ޕްރޮމޯޓުވުމާ މެދު ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަހަރުގެ ސީޒަނާ ކުރިމަތިލުމަށް މާޒިޔާއިން ސޮއިކުރުވި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ސާބިއާގެ ނިކޮލާ ވުޖިސިޗް އާއި ނެމާންޖާ ޑްރަވްކޮވިޗްގެ އިތުރުން ނައިޖީރިއާއަށް ނިސްބަތްވާ ފޯވާޑް ބެންޖަމިން ކޫކޫ ހިމެނެއެވެ. މި ކުޅުންތެރިން ވަނީ ދާދި ފަހުން ކަޕް ވިނާސް ކަޕްގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ވެސް ފެނިގެންގޮސްފައެވެ. އެ މެޗުގައި މާޒިޔާ ފަހަތުން އަރައި 2-1ގެ ނަތީޖާއަކުން މޮޅުވިއިރު، މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ވެސް ކޫކޫއެވެ.
އޭއެފްސީ ޗެލެންޖް ލީގަށް ކޮލިފައިވުމަށް މާޒިޔާއިން ކުޅޭ މި ފޯރިގަދަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.