ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މާޒިޔާގެ އޭއެފްސީ މެޗު ފަސްކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އޭއެފްސީ ޗެލެންޖް ލީގުގައި ތަޖިކިސްތާނުގެ އެފްސީ ރެގާރު ޓަޑާޒްއާ ދެކޮޅަށް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަންގާރަ ދުވަހު ކުޅުމަށް ތާވަލުކޮށްފައި އޮތް މެޗު، މެހެމާނު ޓީމުގެ ފްލައިޓަށް ދިމާވި މައްސަލައަކާ ގުޅިގެން ރާއްޖެ އައުން ލަސްވުމުގެ ސަބަބުން ބުދަ ދުވަހަށް ފަސްކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިދިކޮޅު ޓީމު ފުރަތަމަ ރާއްޖެ އަންނަން ހަމަޖެހިފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ނަމަވެސް އެމީހުންގެ ދަތުރުމަތީގައި ދިމާވި ފްލައިޓުގެ މައްސަލަތަކަކާ ހެދި، ޓީމު މާލެ އަންނަ ގޮތަށް މިހާރު ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ހެނދުނެވެ. މި ބަދަލާ އެކު، އަންގާރަ ދުވަހުގެ މެންދުރުފަހު 15:00ގައި ކުޅެން އޮތް މެޗު ދެން ކުޅޭނީ އޭގެ އަނެއް ދުވަހުއެވެ.

އޭއެފްސީގެ ކުލަބު މުބާރާތްތަކުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ އެކު، ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޗެލެންޖު ލީގުގެ ކޮލިފައިން އިން ރާއްޖެއަށް މިހާރު ލިބެނީ އެންމެ ޖާގައެކެވެ. މީގެ ކުރިން އޭއެފްސީ ކަޕްގައި ރާއްޖޭގެ ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް އަދި އެފްއޭ ކަޕް ކާމިޔާބުކުރާ ޓީމަކަށް ކޮލިފައިން ފުރުސަތު ލިބުނު ނަމަވެސް، މިހާރު ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ ސްރީލަންކާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާން އަދި ބޫޓާނަށް ވެސް ލިބެނީ އެންމެ ކޯޓާއެކެވެ. 

މުބާރާތުގެ ތާރީހަށް ބަލާއިރު، ޗެލެންޖު ލީގު ތައާރަފުކުރި ފުރަތަމަ އަހަރު މާޒިޔާއިން ވަނީ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފައެވެ. އެހެންނަމަވެސް އެ ފަހަރު ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އަދި އޭގެ ފަހުން ނިމިދިޔަ އަހަރުގެ އޮގަސްޓު މަހު މާލޭގައި ކުޅުނު ޕްލޭއޮފް މެޗުގައި ކުވޭތުގެ އަލް އަރާބި އަތުން 4-0ގެ ނަތީޖާއަކުން ބަލިވެ، މާޒިޔާއަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު