އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)ގެ ރައީސް ކްލައުޑިއޯ ޓާޕިއާ، 2028ވަނަ އަހަރު އޮންނަ ކޯޕާ އެމެރިކާ މުބާރާތުގައި ގައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ކެޕްޓަން ލިއޮނެލް މެސީއަށް ދީފައިވާކަން ހާމަކުރައްވައިފިއެވެ.
ގައުމީ ޓީމުގެ މުސްތަގުބަލާ މެދު މެސީ ގެންގުޅޭ ވިސްނުމެއް މިހާތަނަށް ސާފުވެފައި ނުވާކަން ފާހަގަކުރައްވަމުން ޓާޕިއާ ވިދާޅުވީ، އެކަމާ ގުޅިގެން މެސީގެ މައްޗަށް އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނުވަތަ ޕްރެޝަރެއް އެ އެސޯސިއޭޝަނުގެ ފަރާތުން ނޯންނާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓީމާ އެކު ކުރިއަށްދިއުމާ މެދު ފަހުބަސް ބުނާނީ ހުދު މެސީ އަމިއްލައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުންތެރިންގެ އިތުރުން ޓީމުގެ މެނޭޖްމަންޓަށް އަލިއަޅުވާލައްވަމުން، އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކެލޯނީ މަގާމުން ވަކިކުރުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅުއްވާކަން ޓާޕިއާ ވަނީ ޔަގީންކޮށްދެއްވާފައެވެ. އަދި އޭނާގެ އަމާޒަކީ ސްކެލޯނީއާ އެކު އިތުރަށް މަޝްވަރާކުރުމަށް ފަހު، އެ މަގާމުގައި ކޯޗު ދެމެހެއްޓުން ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ދަނޑުމަތިން މެސީ ފެނުމަކީ ހަމައެކަނި އޭނާއަށް ލިބޭ އުފަލެއް ނޫން ކަމަށާއި، އެއީ މުޅި ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ އެތައް ބަޔަކަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެއްކަން ޓާޕިއާ ފާހަގަކުރެއްވިއެވެ. އުމުރުން 39އަހަރުގެ މެސީ ވަނީ 2021އަދި 2024ވަނަ އަހަރުގެ ކޯޕާ އެމެރިކާގެ އިތުރުން 2022ވަނަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.