ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބުރު ބަލިކޮށް، މާޒިޔާއިން ކާމިޔާބީ ދަމަހައްޓައިފި

ޝެއާ ކުރޭ Facebook Telegram Viber X

ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި، ފަހަތުން އަރައި ބުރު ސްޕޯޓްސް ކްލަބް 2-1ގެ ނަތީޖާއަކުން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މި ސީޒަނުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ އިތުރަށް ދަމަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ހޯދި މޮޅާ އެކު، އާ ސީޒަނުގައި މާޒިޔާއިން ކުޅުނު ހުރިހާ މެޗެއް އެ ޓީމުން މިވަނީ ކާމިޔާބުކޮށްފައެވެ.

މާޒިޔާއިން ވަނީ މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަލިކުރުމަށް ފަހު، ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސްގެ މައްޗަށް ވެސް ކުރިހޯދައިފައެވެ. މި މުބާރާތުގައި މާޒިޔާއަށް ދެން ބާކީ އޮތީ މި މަހުގެ 15ވަނަ ދުވަހުގެ ރޭ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް އޭގެ ކުރިން، އަންނަ އަންގާރަ ދުވަހު ގައުމީ ދަނޑުގައި އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ތަޖިކިސްތާނުގެ ރެގާރް ތަޑްއޭޒްއާ ދެކޮޅަށް މާޒިޔާ ނިކުންނާނެއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރުން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ހޯދައިފައެވެ. މާޒިޔާގެ ޑިފެންޑަރު ނިކޮލާ ވުޖިޖިޗް ކައިރިން ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަދެ، އަބްދުﷲ އަރީން އިބްރާހިމް މި ލަނޑު ޖެހީ އަލީ ހަމްދާނާ އެކު ވަން-ޓޫ އެއް ކުޅުމަށް ފަހުއެވެ. އަރީން ފޮނުވާލި މި ހިތްގައިމު ބޯޅަ ގޯލުގެ މަތީ ދުރު ކަނަށް ވަންއިރު، މާޒިޔާގެ ކީޕަރު ހުސައިން ޝަރީފަށް އެ ބޯޅަ ދިފާއުކުރެވޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި މާޒިޔާގެ ނައިޖީރިއާ ފޯވާޑް ބެންޖަމިން ކޫކޫ ހުރަސްކޮށްލި ބޯޅައެއްގައި ފައިޖައްސާލަން އަނޫފް އަބްދުﷲ އަށް ލިބުނު ފުރުސަތު ބޭކާރުވި ނަމަވެސް، ޖެހިގެން އައި މިނެޓުގައި މާޒިޔާއިން ނަތީޖާ ހަމަހަމަކުރިއެވެ. ބުރުގެ ޑިފެންޑަރަކު ބޮލުން ދިފާއުކުރި ބޯޅައެއް ނައްސާހް އިބްރާހިމް ނާސިރު ފަހަތަށް ކޮށްޕާލުމުން، އިބްރާހިމް އައިސަމް (ޓޯނީ)ވަނީ އެއްފަހަރުން ޖަހައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފައެވެ.

މާޒިޔާ މެޗުން މޮޅުވި ލަނޑު ފެނިގެންދިޔައީ 52ވަނަ މިނެޓުގައެވެ. ބުރުގެ އޭރިއާ ތެރެއިން މާޒިޔާގެ ޑިފެންޑަރު ނެމަންޏާ ޒްދްރާވްކޮވިޗް ވަރަށް ހިތްވަރާއެކު ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ދިން ކުރު ޕާހަކުން، މި ލަނޑު ޖަހައިދިނީ ކޫކޫއެވެ. އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފަސޭހަކަމާ އެކު ބޯޅަ ފޮނުވާލައި މާޒިޔާ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު