ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސާފް މުބާރާތަށް އިންޑިއާގެ ޒުވާން ޓީމު!

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާ ދުވަސްވަރު އިންޑިއާގެ ސީނިއަރ ޓީމަށް ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކެއް ތާވަލުކޮށްފައިވުމުގެ ސަބަބުން، ސަރަހައްދީ މުބާރާތުގައި ވާދަކުރުމަށް އެ ޤައުމުގެ 23އަހަރުން ދަށުގެ ޓީމު ފޮނުވުމަށް ނިންމާފާނެކަމުގެ އިޝާރާތެއް ލިބިއްޖެއެވެ.

މުޅި ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓުބޯޅަ އީދު ނޮވެމްބަރު 4އިން 17އަށް ކުރިއަށްދާއިރު، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް)އިން ވަނީ ނޮވެމްބަރު 12އަދި 15ގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅޭ ދެ މެޗެއް ތާވަލުކޮށްފައެވެ. އޭއައިއެފްއެފް އިން ކަށަވަރުކޮށްދޭ ގޮތުގައި މި ދެ މެޗަށް ނުކުންނާނީ އިންޑިއާގެ ޤައުމީ ސީނިއަރ ޓީމެވެ.

ސާފް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ނޮވެމްބަރު 11ވަނަ ދުވަހު އިންޑިއާއިން ދިވެހިރާއްޖެއާ ކުރިމަތިލާން ޖެހޭއިރު، އޭގެ ފަހުން ނޮވެމްބަރު 14ގައި ސެމީ ފައިނަލް އަދި 17ގައި ފައިނަލް ކުޅޭނެއެވެ. އެހެންކަމުން، ސީނިއަރ ޓީމަށް އެއްފަހަރާ ދެ މުބާރާތުގައި ނުވަތަ ޖެހިޖެހިގެން އަންނަ ދުވަސްތަކެއްގައި ދެ ޤައުމެއްގައި ކުޅުމަކީ ޢަމަލީގޮތުން މުސްތަޙީލު ކަމަކަށް ވާތީ، ބަންގްލަދޭޝްއަށް ދާނީ އެ ޤައުމުގެ ޒުވާން ކުޅުންތެރިންކަން މިވަނީ ގާތްގަނޑަކަށް ޔަޤީންވެފައެވެ.

މީގެ ކުރިންވެސް އިންޑިއާއިން ވަނީ ސާފް ޗެމްޕިއަންޝިޕަށް އެމީހުންގެ ޒުވާން ޓީމު ނެރެފައެވެ. އެގޮތުން 2009އަދި 2018ވަނަ އަހަރުގެ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ނުކުތީ އިންޑިއާގެ 23އަހަރުން ދަށުގެ ޓީމެވެ. ދެހާސް ނުވަވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވިއިރު، 2018ވަނަ އަހަރު ރާއްޖެއިން ވަނީ އިންޑިއާގެ މައްޗަށް ކުރިހޯދައި ތަށި އުފުލާލާފައެވެ. 

މިއަހަރުގެ މުބާރާތުގައި ރާއްޖެއާއި އިންޑިއާގެ އިތުރުން ގްރޫޕް ބީ ގައި ދެން ހިމެނެނީ ޕާކިސްތާނެވެ. އަނެއްކޮޅުން ގްރޫޕް އޭ ގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބަންގްލަދޭޝް، ސްރީލަންކާ އަދި ބޫޓާނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު