ސްކޮޓްލެންޑްގެ ގްލާސްގޯގައި ދާދި ފަހުން ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވި ޔުގާންޑާ އަދި ޕާކިސްތާނުގެ ބޮކްސިން ކުޅުންތެރިންތަކެއް އެނބުރި ގައުމަށް ނުގޮސް ފިލާފައިވާ މައްސަލައެއް، އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގުކުރަން ފަށައިފިއެވެ.
ސްކޮޓްލެންޑްގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވީނުވީއެއް ނޭނގި ބައެއް ކުޅުންތެރިން ގެއްލިފައިވާކަމުގެ ޝަކުވާ އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. އަދި މިހާރު އިނގިރޭސިވިލާތުގެ ހޯމް އޮފީހުގެ އެހީތެރިކަމާ އެކު އެ އެތުލީޓުން ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފުލުހުންގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވިއެވެ.
ޔުގާންޑާގެ "އެންބީއެސް ސްޕޯޓްސް"ނޫހުން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުން މުބާރާތުގައި ބައިވެރިވި ހަ މެމްބަރުންގެ ބޮކްސިން ޓީމުގެ ތެރެއިން ހަތަރު މީހަކު ވަނީ ފުރަން އޮތް ގަޑީގެ ކުރިން ފިލާފައެވެ. މީގެ ތެރެއިން އެއް ކުޅުންތެރިޔަކު ސިޔާސީ ހިމާޔަތަށް އެދޭނެކަން މީޑިއާއަށް ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ބޮކްސިން ކުޅުންތެރިޔަކު ވެސް އެނބުރި ގައުމަށް ދާން އޮތް ފްލައިޓަށް އަރާފައިނުވާކަން "ޕާކިސްތާން ޓުޑޭ"އިން ވަނީ ރިޕޯޓުކޮށްފައެވެ.
ބައިނަލްއަގުވާމީ ބޮޑެތި ކުޅިވަރު މުބާރާތްތަކާ ދިމާކޮށް އެތުލީޓުން ފިލުމަކީ އާންމުކޮށް ހިނގަމުން އަންނަ ކަމެކެވެ. އެގޮތުން 2018ވަނަ އަހަރު އޮސްޓްރޭލިއާގައި އޮތް ކޮމަންވެލްތު ގޭމްސް ނިމުނު ފަހުން 50އެތުލީޓަކު ފިލާފައިވާއިރު، އިތުރު 190ފަރާތަކުން އޭރު ވަނީ ހިމާޔަތަށް އެދި ހުށަހަޅާފައެވެ.
އެގާރަ ދުވަހުގެ މުއްދަތަށް ގްލާސްގޯގައި މިފަހަރު ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ދުނިޔޭގެ 74ގައުމަކުން ތިންހާހެއްހާ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.