ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ދިވެހި ބޮޑީބޯޑަރުންގެ އަމާޒު ފައިނަލަށް

ޝެއާ ކުރޭ Facebook Telegram Viber X

މި މަހުގެ ތެރޭގައި ކ. ތުލުސްދޫގައި ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން ވޯލްޑް ޓުއާގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަ ޤައުމުގައި ލިބޭ ފުރުޞަތުގެ ބޭނުން ހިފައި މުބާރާތުގެ އެންމެ ފަހު މަރުޙަލާއާ ހަމައަށް ދަތުރުކުރުންކަމަށް ޤައުމީ ޓީމުގެ ތަޖުރިބާކާރު އެތުލީޓު ޢަލީ ޚުޝްރުވާން ހާމަކޮށްފިއެވެ. 

މި އަހަރުގެ ކުރީކޮޅު މޮރޮކޯގައި ބޭއްވުނު ވޯލްޑް ޓުއާގައި ވާދަކޮށް ދިވެހި ޓީމުން ހޯދާފައިވާ މުހިންމު ތަޖުރިބާތަކާ އެކު، މި ފަހަރުގެ މުބާރާތަށް އެކުޅުންތެރިން ނުކުންނާނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ޚުޝްރުވާން ފާހަގަކުރި ގޮތުގައި، ޓީމުގައި ހިމެނޭ އާމިން، އިޔަން އަދި އައްޔަ ފަދަ ހުނަރުވެރި ކުޅުންތެރިން އަންނަނީ ފައިނަލަށް ވާސިލުވުމުގެ ވަރުގަދަ ޢަޒުމުގައި ވަރަށް ސީރިއަސްކޮށް ފަރިތަކުރުންތައް ކުރިއަށްގެންދަމުންނެވެ.

ބައިނަލްއަޤުވާމީ ފެންވަރުގެ މިފަދަ ބޮޑީބޯޑިން މުބާރާތެއް މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޯލްޑިވްސް ޕްރޯގެ ތިން މުބާރާތެއް މާލޭގެ ވަރުނުލާ ރާޅުގަނޑުގައި ކާމިޔާބުކަމާ އެކު ކުރިއަށްގެންގޮސްފައިވާއިރު، މިއަހަރު މުބާރާތް ބާއްވާ ތުލުސްދޫއަކީ މީގެ ކުރިން އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ބާއްވާފައިވާ، ރާޅާއެޅުމަށް މަޝްހޫރު މަންޒިލެކެވެ.

އަމިއްލަ ފަސްގަނޑުގައި ބައިނަލްއަޤުވާމީ މުބާރާތެއް ކުޅެން ލިބުމަކީ ދިވެހި އެތުލީޓުންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއްކަމަށް ޚުޝްރުވާން ބުންޏެވެ. އަދި މާލޭގައި ބޭއްވި މުބާރާތްތަކެކޭ އެއްފަދައިން، ތުލުސްދޫގައި ވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ ތަރުޙީބަކާއި ހިތްވަރެއް ލިބިގެންދާނެކަމަށް އޭނާ އުންމީދުކުރެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު