އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ރިޔާސީ އިންތިޚާބުގައި މަޤާމު ދިފާޢުކުރެއްވުމަށް ޖިއާނީ އިންފަންޓީނޯ ނުކުންނަވާއިރު، އެފްރިކާ ބައްރުގެ ނުފޫޒު ގަދަ ފުޓްބޯޅަ ލީޑަރުންގެ ފުރިހަމަ ތާއީދު އޭނާއަށް އޮތްކަން އިޢުލާނުކޮށްފިއެވެ.
ފީފާ ވޯލްޑް ކަޕުގެ ބައެއް ހިއްސާ 4.2ބިލިއަން ޑޮލަރަށް ވިއްކާލުމަށް އިންފަންޓީނޯ ކުރިން ގެންގުޅުއްވި ޚިޔާލު ދޫކޮށްލެއްވުމާ ގުޅިގެން، އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (ކެފް)ގެ އިސް ފަސް ލީޑަރަކު ވަނީ އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. ބުރާސްފަތި ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ކެފްގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގެ ކުރިން މި ތާއީދު ހާމަކުރުމަކީ، އިންތިޚާބަށް ތައްޔާރުވަމުންދާ އިންފަންޓީނޯއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެކެވެ. ޔޫއެފާ، އޭއެފްސީ އަދި ކޮންކާކަފް ފަދަ ބޮޑެތި އިދާރާތަކުން އިންފަންޓީނޯއާ މެދު ނުރުހުން ފާޅުކޮށްފައި އޮތް ނަމަވެސް، 54ޤައުމު ހިމެނޭ އެފްރިކާ ބައްރުގެ ތާއީދަކީ އޭނާގެ ކާމިޔާބީގެ މައިގަނޑު އަސާސްކަމުގައި ވަނީ ވެފައެވެ.
އިންފަންޓީނޯގެ ފަހަތްޕުޅުގައި ތިއްބެވިކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި މޮރޮކޯގެ ފައުޒީ ލެކްޖާ، މިސްރުގެ ހާނީ އަބޫ ރިދާ، މޮރިޓޭނިއާގެ އަޙްމަދު ޔަހުޔާ، އަދި ނައިޖަރުގެ ހާމިދޫ ޖިބްރީލާ ހިމެނެއެވެ. ހަމައެއާ އެކު، އިންފަންޓީނޯއާއެކު ސްވިޒަލެންޑުން ތަޢުލީމު ހާސިލުކުރެއްވި ކޮންގޯގެ ފުޓްބޯޅަ އިދާރާގެ ރައީސް ވެރޮން މޮސެންގޯ-އޮމްބާ ވެސް ވަނީ އޭނާއަށް ފުރިހަމައަށް ތާއީދުކުރައްވާކަން ކަށަވަރުކޮށްދެއްވާފައެވެ. މީގެ ކުރިން 2016ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންފަންޓީނޯ ފީފާގެ ރައީސްކަމަށް ވަޑައިގަތުމުގައި ވެސް އެފްރިކާގެ ދައުރު ނުހަނު ބޮޑެވެ. އެފަހަރު އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ ފުޓްބޯޅައިގެ ތަރައްޤީއަށް ދޫކުރާ ބަޖެޓު ދެގުނަ ކުރުމަށް ވެވަޑައިގެންނެވި ވަޢުދާއެކުގައެވެ.
އެފްރިކާގެ ގިނަ ޤައުމުތަކަކީ މާލީ ގޮތުން ދަތިތަކެއް ތަހައްމަލުކުރަމުންދާ ޤައުމުތަކަކަށް ވުމުން، ފީފާގެ މާލީ އެހީތެރިކަމަކީ އެ ޤައުމުތަކުގެ ފުޓްބޯޅައިގެ ނާރެހެވެ. ކޮމޮރޯސްގެ ފުޓްބޯޅަ ރައީސް ސައީދު އަލީ އަތޫމާން އަދި މަލާވީގެ ފްލީޓްވުޑް ހައިޔާ ވެސް ވަނީ ސްޕޮންސަރުން ނުލިބުމާއި ސަރުކާރުތަކުން ސިއްޙީ ދާއިރާއަށް އިސްކަންދޭން ޖެހުމުގެ ސަބަބުން، ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ފީފާގެ އެހީތެރިކަން ކޮންމެހެން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
ކުރީގެ ރައީސް ސެޕް ބްލެޓާގެ ދުވަސްވަރު "ގޯލް ޕްރޮޖެކްޓް"ގެ ނަމުގައި ހިންގި ޕްރޮގްރާމް، އިންފަންޓީނޯގެ ޒަޢާމަތުގައި "ފީފާ ފޯވާޑް"އަށް ބަދަލުކޮށް، ކޮންމެ މެންބަރު ޤައުމަކަށް ހަތަރު އަހަރު ތެރޭގައި 8މިލިއަން ޑޮލަރު ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. ކެފްގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ސިފަކުރެއްވި ގޮތުގައި އިންފަންޓީނޯއަކީ އެފްރިކާއަށް ވަފާތެރި، ގާތް އެކުވެރިއެކެވެ. އަދި އެފްރިކާއިން އޭނާއަށް އަބަދުވެސް ވަފާތެރިވާނެކަމުގެ ޔަޤީންކަން މޮޓްސެޕޭ ވަނީ ދެއްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.