ޕޮލެންޑުގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ 20އަހަރުން ދަށުގެ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބައްލަވާލެއްވުމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަޑައިގަންނަވާނެކަން އަދިވެސް ކަށަވަރުނުވާއިރު، މިކަމުގެ ފަހަތުގައި ވަނީ ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމަށް އޭނާ ދާދިފަހުން ކުރެއްވި މަސައްކަތްޕުޅާ ގުޅިގެން އުފެދިފައިވާ ވަރުގަދަ ޚިޔާލުތަފާތުވުންތަކެވެ.
ފީފާގެ މުބާރާތްތަކުގެ ވިޔަފާރީގެ ހައްގުތައް 20ބިލިއަން ޑޮލަރުގެ އައު ކުންފުންޏަކަށް ބަދަލުކޮށް، އޭގެ ތެރެއިން ބައެއް ބޭރުގެ އިންވެސްޓަރުންނަށް 4.2ބިލިއަން ޑޮލަރަށް ވިއްކާލުމަށް "ފީފާ ފޯވާޑް އެންޓަޕްރައިޒް"ގެ ނަމުގައި އިންފަންޓީނޯ ޕްލޭނެއް އެކުލަވާލެއްވިއެވެ. ނަމަވެސް، ޔުއެފާ ފަދަ ބޮޑެތި ފުޓްބޯޅަ އިދާރާތަކުން ކުރިމަތިވި ވަރުގަދަ ފިއްތުންތަކާ ހުރެ، ޖުލައި މަހުގެ ނިޔަލަށް އޭނާއަށް ވަނީ އެ ހުށަހެޅުން އަނބުރާ ގެންދަވަން މަޖުބޫރުވެވަޑައިގެންފައެވެ. މިއީ އެ މައްސަލަގަނޑަށްފަހު ފީފާއިން ބާއްވާ ފުރަތަމަ ބޮޑު މުބާރާތެވެ.
މި މައްސަލައިގެ ސަބަބުން ޔުއެފާގެ އިތުރުން އޭއެފްސީ އަދި ކޮންކާކަފް އިން ވެސް ވަނީ އުމުރުން 56އަހަރުގެ އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލާފައެވެ. އެހެންނަމަވެސް، އަންނަ އަހަރުގެ މާޗު މަހު އޮންނަ ފީފާ ކޮންގްރެސްގައި އިތުރު ދައުރަކަށް ވާދަކުރައްވާނެކަން އޭނާ ވަނީ އިއުލާނުކުރައްވާފައެވެ. އިންފަންޓީނޯއާ ދެކޮޅަށް ރަސްމީކޮށް އަދި އެއްވެސް ބޭފުޅަކު ނުކުމެވަޑައިގެންފައި ނުވިނަމަވެސް، ނޮވެމްބަރު 18ގެ ސުންގަޑީގެ ކުރިން އިތުބާރު ހުރި ކެންޑިޑޭޓަކު ނެރުމަށް އެހެން ކޮންފެޑަރޭޝަންތަކާ ގުޅިގެން ޔުއެފާއިން ދަނީ މަސައްކަތްކުރަމުންނެވެ. މި މަގާމަށް ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ ވާދަކުރައްވާފާނެކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
ވޯލްޑް ކަޕް ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު ފީފާއިން އިންފަންޓީނޯގެ ދަތުރުފުޅު ޔަގީންކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން އުމުރުފުރާތަކުގެ މުބާރާތްތަކުން އިންފަންޓީނޯ އާންމުކޮށް ނުފެނުނު ނަމަވެސް، ހިއްސާ ވިއްކާލުމުގެ ޕްލޭން ފެއިލްވި ފަހުން އޭނާ ދަނީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އޭގެ ތެރޭގައި ޕެރިހުގައި އޮތް އީ-ސްޕޯޓްސް މުބާރާތާއި ވިއެޓްނާމްގައި އޮތް އާސިއާން ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ހިމެނެއެވެ. އަދި ކޮންކާކަފްގެ ރައީސް މޮންޓަގްލިއާނީގެ އެދިވަޑައިގަތުމާ ޚިލާފަށް، ޑޮމިނިކަން ރިޕަބްލިކްގައި އޮތް 14އަހަރުން ދަށުގެ މުބާރާތަކަށްވެސް އޭނާ ވަޑައިގެންނެވިއެވެ.
ޕޮލެންޑުގައި މި މަހުގެ 27އާ ހަމައަށް ކުރިއަށްދާ މި މުބާރާތަކީ އަންނަ އަހަރު ބްރެޒިލްގައި އޮންނަ ސީނިއަރ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޒުވާން އަންހެން ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މުބާރާތް ހުޅުވާ މެޗުގައި ކަޓޯވިސްގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޕޮލެންޑާއި އާޖެންޓީނާއެވެ. އަދި މެކްސިކޯ ނުކުންނާނީ ބެނިންއާ ދެކޮޅަށެވެ. ދުނިޔޭގެ ހަ ބައްރުން 24ޓީމު ވާދަކުރާ މި މުބާރާތަށް ފީފާއިން ވަނީ އައު ގަވާއިދެއް ތައާރަފުކޮށްފައެވެ. އެގޮތުން ކޮންމެ ޓީމެއްގެ ހެޑް ކޯޗު ނުވަތަ އެސިސްޓަންޓް ކޯޗުގެ ގޮތުގައި އަންހެނަކު ހިމެނުން މިހާރު މަޖުބޫރުވާނެއެވެ. މުބާރާތުގެ އެންމެ ފަހުގެ ތާޖު ހާސިލުކުރީ އުތުރު ކޮރެއާއިންނެވެ. އެ ޓީމާ އެކު ޕޮލެންޑް، ޖަޕާން، ސްޕެއިން، ބްރެޒިލް އަދި ފްރާންސް އޮތީ އެންމެ ވަރުގަދަ ޓީމުތައް ހިމެނޭ ޕޮޓުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.