މިއަހަރުގެ ފުޓުބޯޅަ ސީޒަނުގައި ކުޅޭ ހުރިހާ މުބާރާތެއް ކާމިޔާބުކުރުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކަނޑައަޅާފައިވާ ބޮޑު އަމާޒާ އެކު އަންނަ ޕްރެޝަރާ ކުރިމަތިލުމުގެ ފުރިހަމަ ގާބިލުކަން އެބަހުރިކަމަށް، އެ ޓީމުގެ ކޯޗު ފްރެންސިސްކޯ މެނުއަލް ޕަލްމޭރޯ ކަރެންޒޯސް ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް"އަށް މައުލޫމާތު ދެމުން ޕަލްމޭރޯ ހާމަކުރިގޮތުގައި، ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބުގެ ހައިސިއްޔަތުން ނިއުރޭޑިއަންޓުގެ ޗެއާމަން ބޭނުން ވަނީ ހުރިހާ ތައްޓެއް އުފުލާލުމަށެވެ. މިއީ ކޯޗެއްގެ ގޮތުގައި އޭނާއަށް ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާނެ ކަމެއް ނަމަވެސް، އެ ގޮންޖެހުމާ ކެރިގެން ކުރިމަތިލާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ. އަދި ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވި ނަމަވެސް، އޭނާ މަސައްކަތްކުރާނީ އެ ނަތީޖާ ނެރުމަށް ކަމަށް ވެސް ކޯޗު ފާހަގަކުރިއެވެ.
ކަޕް ވިނާސް ކަޕްގެ ފުރަތަމަ ކުރިމަތިލުމުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދި މޮޅާ އެކު، ޓީމުގެ ކުޅުމާ މެދު ކޯޗު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެހެން ނަމަވެސް، އޭނާގެ ނަޒަރު މިހާރު ހުއްޓިފައި ވަނީ ކުރިއަށް އޮތް ދެ މެޗަށެވެ. އަދި ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ، ކުރިއަށް ހުރި މެޗުތައް މާބޮޑަށް އުނދަގޫވާނެކަމަށް ޕަލްމޭރޯ ލަފާކުރެއެވެ.
މި ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ނިއު ވަނީ ބަލިވެފައެވެ. އެހެންކަމުން، ކަޕް ވިނާސް ކަޕުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، ފޯމު ދަމަހައްޓައި މޮޅެއް ހޯދުން އެ ޓީމަށް ވަރަށް މުހިންމެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.