ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އަލަށް ތަޢާރަފުކުރާ ހޯމް އެންޑް އަވޭ އުސޫލުގެ ދަށުން، ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅޭ ފުރަތަމަ މެޗު މި މަހުގެ 11ވަނަ ދުވަހު ގދ. ގައްދޫގައި ކުޅޭ ގޮތަށް ތާވަލުކޮށްފިއެވެ.
އެފްއޭއެމްއިން ކްލަބްތަކާ ހިއްސާކޮށްފައިވާ ޑްރާފްޓް ޝެޑިއުލް ދައްކާގޮތުން، އައު ސީޒަންގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހުއެވެ. މިއީ ދިވެހި ލީގުގެ ދިގު ތާރީޚުގައި މާލެއިން ބޭރުގައި މެޗުތަކެއް ކުޅޭ ފުރަތަމަ ފަހަރަށް ވާއިރު، މުބާރާތް ފަށާ ފުރަތަމަ މެޗުގައި ގަލޮޅު ރަސްމީ ދަނޑުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބެވެ.
ސެޕްޓެމްބަރު 11ވާ ހުކުރު ދުވަހުގެ ހަވީރު ދެ މެޗެއް ކުޅުމަށް ރާވާފައިވާއިރު، ގައްދޫ ފުޓުބޯޅަ ދަނޑުގައި ނިއުރޭޑިއަންޓް ނުކުންނާނީ ހޯމް ޓީމު ކަމަށްވާ ގައްދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މީގެ އިތުރުން، ހއ. ދިއްދޫގައި ވެސް މި ސީޒަނުގެ މެޗުތަކެއް ކުރިއަށްދާނެއެވެ. އެ ރަށުގައި ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 10ވަނަ ދުވަހު ދިއްދޫގެ ޓީމާ ދެކޮޅަށް ކުޅޭނީ ވެސް ނިއުރޭޑިއަންޓުންނެވެ.
ލީގުގެ ކުޅުން ކުރިއަށްދާއިރު، ބައިނަލްއަޤްވާމީ މުބާރާތްތަކަށް ޚާއްސަކޮށްގެން ދެ ފަހަރެއްގެ މަތިން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ޤައުމީ ޓީމުގެ ފަރިތަކުރުންތަކަށް ސެޕްޓެމްބަރު 26އިން އޮކްޓޯބަރު 8އަށް ލީގު މެދުކަނޑާލުމަށް ފަހު، ސާފް ޗެމްޕިއަންޝިޕަށް އޮކްޓޯބަރު 23އިން ނޮވެމްބަރު 21އަށް އަލުން ބްރޭކެއް ނަގާނެ ކަމަށް ޝެޑިއުލްގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.