ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"އިންފަންޓީނޯ މަގާމަށް ކުފޫހަމައެއް ނުވޭ"

ޝެއާ ކުރޭ Facebook Telegram Viber X

ފީފާގެ މުބާރާތްތަކުގެ ވިޔާފާރި ޕްރޮޖެކްޓްތަކުން އަމިއްލަ ކުންފުނިތަކަށް ހިއްސާ ވިއްކަން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަކީ ފީފާ ހިންގަން އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު އެންޑީ ބާނަމް ވިދާޅުވެއްޖެއެވެ.

ވޯލްޑް ކަޕް ހިމެނޭ ގޮތަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކުމަށް އިންފަންޓީނޯ ހުށަހެޅުއްވި ނަމަވެސް، ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުގެ ތާއީދު ނުލިބުމުގެ ސަބަބުން އޭނާ ވަނީ ފަހުން އެ ހުށަހެޅުން އަނބުރާ ގެންގޮސްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ސަޕޯޓްކުރައްވާ ބާނަމް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ސެފީލްޑަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭނާ ވިދާޅުވީ މިފަދަ ހުށަހެޅުމެއް ފީފާއިން ހުށަހެޅުމަކީ ވެސް އެ އިދާރާގެ ވެރިޔާގެ މަގާމަށް އިންފަންޓީނޯ އެކަށީގެން ނުވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. ބާނަމް ސިފަކުރެއްވި ގޮތުގައި މިއީ މުޅިން ހުތުރު، އަދި އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ފަދަ ހުށަހެޅުމެއް ނޫނެވެ.

މި މައްސަލާގައި ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އިން ވެސް ވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އިއްޔެ ބުނެފައެވެ. ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ މިހާރުގެ ވެރިންނަށް އޮތް އިތުބާރު ގެއްލިފައިވަނީ ހަމައެކަނި އެ އިދާރާގެ ނޫން ކަމަށާއި، ފުޓްބޯޅަ އާއިލާގެ ގިނަ މެންބަރުންގެ އިތުބާރު ވެސް މިހާރު ވަނީ ގެއްލިފައި ކަމަށެވެ.

މީގެ އިތުރުން، މީގެ 10އަހަރު ކުރިން 2016ވަނަ އަހަރު ފީފާގެ ރައީސްކަމަށް އިންތިޚާބުވުމަށް އިންފަންޓީނޯ ކުރެއްވި ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދުތައް ވެސް ޔޫއެފާގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ. އޭގެ ކުރިން ޔޫއެފާގެ ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިންފަންޓީނޯ 2016ވަނަ އަހަރުގެ ފެބްރުއަރީ މަހު ވިދާޅުވެފައިވަނީ ފީފާއަކީ ހާމަކަން ބޮޑު ތަނަކަށް ވާންޖެހޭނެ ކަމަށާއި، ފީފާގެ ފައިސާއަކީ ރައީސްގެ ފައިސާ ނޫން ކަމަށެވެ. އަދި އެއީ ގައުމީ އެސޯސިއޭޝަންތަކުގެ ފައިސާ ކަމަށާއި، އެ ފައިސާ ހޭދަކުރަންޖެހޭނީ ހަމައެކަނި ފުޓްބޯޅަ ތަރައްގީކުރުމަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ނަމަވެސް، ޔޫއެފާއިން ބުނި ގޮތުގައި އިންފަންޓީނޯ ވަނީ އޭނާ ވެވަޑައިގެންނެވި އެ ދެ ވައުދާ ވެސް ޚިލާފުވެ، އޭގެއަށް ޚިޔާނާތްތެރިވެފައެވެ. އަދި އޭނާ ސިއްރިޔާތުގައި، ނާތަހުޒީބު އަދި ހާމަކަމެއް ނެތް ގޮތަކަށް ރާވައި، މަޖުބޫރުކުރަން އުޅުނު އެއްބަސްވުމަކީ އެއްވެސް ވަރަކަށް ހާމަކަން ބޮޑު ކަމެއް ނޫން ކަމަށް ވެސް ޔޫއެފާގެ ބަޔާނުގައި ބުނެފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު