މިއަހަރުގެ ފުޓުބޯޅަ ސީޒަނާ ކުރިމަތިލާއިރު، ޓީމުގެ ފެންވަރު ރަނގަޅުކޮށް ކާމިޔާބީތައް ހޯދުމުގެ އަމާޒުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)އަދި އަބްދުﷲ ލޫތު އެ ކުލަބަށް ސޮއިކުރުވައިފިއެވެ.
އަލަށް ގުޅުނު ކުޅުންތެރިންގެ ތެރެއިން ލޫތަކީ މާޒިޔާގެ އެއްބަސްވުމެއްގެ ދަށުން ތަޖުރިބާ ހޯދުމަށް ފާއިތުވި ސީޒަނުގައި ލޯނު އުސޫލުން އޮޑި ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ހަމައެއާ އެކު، ކުލަބް އީގަލްސްގައި ނިމިދިޔަ ސީޒަނުގައި ހަރަކާތްތެރިވި މަހުދީއަކީ ވެސް މާޒިޔާގެ ޖާޒީގައި މީގެ ކުރިން މޮޅު ކުޅުމެއް ދައްކާފައިވާ ފަރާތެކެވެ. ނަމަވެސް، ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ނިޝާމް ވަނީ ނިމިދިޔަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ މެޗުތަކާ ދުރަށްދާން ޖެހިފައެވެ.
ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާ ގުޅޭގޮތުން މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)ފާހަގަކުރި ގޮތުގައި، ލޫތު އަދި މަހުދީއަކީ މާޒިޔާގެ ކުޅުމުގެ ވައްޓަފާޅިއަށް ވަރަށް ފަރިތަވެފައިވާ ދެ ކުޅުންތެރިންނެވެ. އޭގެ އިތުރުން، ޗެރިޓީ ޝީލްޑް މެޗުގައި ނިޝާމްގެ ފަރާތުން ފެނިގެންދިޔަ ހުނަރުވެރި ކުޅުމަށް ތައުރީފުކުރަމުން ސުޒެއިރު ބުނީ، އޭނާއަކީ ގައުމީ ޓީމުން ޖާގަ ހައްގުވާ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ.
ފޭދޫ އިއްބެގެ ފުޓުބޯޅަ ކެރިއަރު އެންމެ ބޮޑަށް ވިދާލީ 2015ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައެވެ. އޭގެ ފަހުން 2017ގައި ޓީސީ ސްޕޯޓްސް ކުލަބާއެކު ފުރަތަމަ ޑިވިޝަނަށް ނުކުމެ ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު، 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯދިއިރު ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. މާޒިޔާއަށް 2019ގައި ބަދަލުވުމަށް ފަހު އީގަލްސްއާ އޭނާ ގުޅުނީ 2023ގައެވެ. އަނެއްކޮޅުން ނިޝާމް ވަނީ މީގެ ކުރިން ޓީސީގެ އިތުރުން އީގަލްސްގައި ވެސް އޭނާގެ ފުޓުބޯޅަ ހުނަރު ދައްކާލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.