ދިހަ އަހަރުގެ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސްކޮޑު ޒުވާންކޮށް މި ސީޒަނާ ކުރިމަތިލި ނަމަވެސް، އެ ކްލަބުގައި ދެން ތިބޭނީ ޖޫނިއަރ ކުޅުންތެރިން ނޫންކަމަށާއި އެންމެންނަކީ ވެސް އެއް ފެންވަރެއްގެ ކުޅުންތެރިންކަމަށް އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހީމް އައިސަމް ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އައިސަމް ވަނީ، އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ހޯދި ކާމިޔާބީއަކީ ވަރަށް ތާރީޚީ މޮޅެއްކަން ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި، ސީނިއަރ މަދު ކުޅުންތެރިންކޮޅަކާ އެކު ފަރިތަކުރުންތައް ވެސް ވަރަށް ލަހުން ފަށައިގެން، ޒުވާން ކުޅުންތެރިން ގޮވައިގެން ނުކުމެ މިފަދަ ނަތީޖާއެއް ނެރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، ޓީމަށް އަލަށް އެރި ޒުވާނުންނަކީ މާޒިޔާގެ އެކި އުމުރުފުރާތަކުގެ ޓީމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ކުދިންކަމުން، އެއީ ޖޫނިއަރުންގެ ގޮތުގައި ނުދެކޭކަމަށް އޭނާ ތަފްސީލުކޮށްދިނެވެ. އަދި މި ކުޅުންތެރިންނަށް މުސްތަގުބަލުގައި އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަން ވެސް އޭނާ ފާހަގަކުރިއެވެ.
މާޒިޔާއިން މީގެ ކުރިންވެސް ކުރިއަށްގެންދިޔަ ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަޝްރޫއެއްގެ ތެރެއިން ވިދާލި އައިސަމް ވަނީ، ކްލަބުގެ މެނޭޖްމަންޓުން އަނެއްކާ ވެސް މިފަދަ ނިންމުމެއް ނިންމީތީ އެކަމަށް ތައުރީފުކޮށްފައެވެ. އައު ސީޒަނަށް މާޒިޔާއިން ނުކުތްއިރު މުޅި ސްކޮޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓީމުގެ އެވްރެޖް އުމުރަކީ 23 އަހަރުން ދަށެވެ. މިއީ މާޒިޔާއިން ޗެރިޓީ ޝީލްޑް އުފުލާލި ހަތްވަނަ ފަހަރު ކަމަށްވާއިރު، މީގެ ކުރިން 2015، 2016، 2017، 2021، 2023އަދި 2025ވަނަ އަހަރު އެ ކްލަބުން ވަނީ މި މުބާރާތުގެ ތަށި ހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.