އައު ފުޓުބޯޅަ ސީޒަނާ ކުރިމަތިލާއިރު، ދިގު ރާސްތާގެ ކާމިޔާބީއަށް އަމާޒުކޮށް، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ މާސްޓަރޕްލޭނެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސްކޮޑު އެއްކޮށް ޒުވާންކޮށްފިއެވެ.
މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)ހާމަކުރި ގޮތުގައި، މި އައު ޕްލޭންގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ޗެރިޓީ ޝީލްޑް އުފުލާލުމަކީ ކްލަބަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު 3-3އިން އެއްވަރުވިއިރު، މާޒިޔާއިން ތަށި ކަށަވަރުކުރީ ޕެނަލްޓީ ޝޫޓްއައުޓްގައި 5-3ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ކުރިއަށް އޮތް ސީޒަނުގައި ބިދޭސީ ކޯޗެއްގެ އިރުޝާދުގެ ދަށުން މާޒިޔާ ފެނިގެންދިޔަ ނަމަވެސް، ޝީލްޑް މެޗުގައި ޓީމަށް އިރުޝާދު ދިނީ ސުޒެއިރުއެވެ. މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އޭނާ ބުނީ، މެޗާ ކުރިމަތިލިއިރު ވެސް ކުޅުންތެރިންގެ ކިބައިގައި ފުރިހަމަ އިތުބާރު އޮތް ކަމަށާއި، މޮޅުވުމަށް ޓަކައި އެ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ދަނޑުމަތިން ސާބިތުކޮށްދީފި ކަމަށެވެ.
ޒުވާން ކުޅުންތެރިންނަށް ބިނާކޮށް ޓީމު އެކުލަވާލުމަކީ މާޒިޔާއަށް އައު ތަޖުރިބާއެއް ނޫނެވެ. މީގެ ދިހަ އަހަރު ކުރިން ވެސް އެ ކްލަބުން ވަނީ މިފަދަ ޕްލޭނެއްގެ ދަށުން ކާމިޔާބު މަސައްކަތްތަކެއް ކޮށް، ލީގުގެ ޗެމްޕިއަންކަން އެތައް ފަހަރަކު ހޯދާފައެވެ. އެ ޕްލޭނުން އުފެދުނު މުހިންމު ކުޅުންތެރިންގެ ތެރޭގައި މިހާރުގެ ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ)، އިބްރާހީމް އައިސަމް، ހަސަން ޝިފާޒް (ޑުންގާ)އަދި ކީޕަރު ހުސެއިން ޝަރީފް ހިމެނެއެވެ.
މި އަހަރުގެ ސީޒަނަށް މާޒިޔާއިން ނުކުންނައިރު ޓީމުގެ އެވްރެޖް އުމުރަކީ 23އަހަރެވެ. މި ސްކޮޑުގައި އެންމެ ގިނައިން ހިމެނެނީ ފާއިތުވި ދެ އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި މާޒިޔާގެ ޒުވާން ޓީމުގެ އުންމީދީ ކުޅުންތެރިންނެވެ. ސުޒެއިރު ފާހަގަކުރި ގޮތުގައި، ކުރީގެ ކާމިޔާބީތަކުން ހިތްވަރު ލިބިގަނެ، މާޒިޔާއިން އަނެއްކާ ވެސް މި ފެށީ އައު ދިހަ އަހަރަކަށް ތަށިތަކަށް ވާދަކުރުމުގެ ދަތުރެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.