ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ ޕްލޭނަށް ތާއީދުނުކުރަން ކޮންކާކަފުން ނިންމައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅައިގެ ކަންކަން ނިންމުމުގެ ބާރު އެހެން ފަރާތަކަށް ދޫކޮށްލުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)އިން ގެންނަން އުޅޭ ބަދަލުތަކުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އުތުރު އަދި ސެންޓްރަލް އެމެރިކާ އާއި ކެރިބިއަން ސަރަހައްދުގެ ފުޓުބޯޅަ ޖަމިއްޔާ (ކޮންކާކަފް)ގެ 41މެމްބަރު ގައުމުން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ޕްލޭނާ ދެކޮޅުކަން ހާމަކޮށްފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިސްވެ ހުންނަވައިގެން "ކޮމާޝަލް ސަބްސިޑިއަރީ"އެއް އުފެއްދުމަށް 211މެމްބަރު ގައުމަށް ވަނީ ހުށަހަޅުއްވާފައެވެ. މި ހުށަހެޅުމަށް ރުހުންދޭ ކޮންމެ ގައުމަކަށް 40މިލިއަން ޑޮލަރު ދިނުމަށް ފީފާއިން ނިންމާފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 19ގެ ކުރިން ތާއީދުކުރާ ފަރާތްތަކަށް އެޑްވާންސްގެ ގޮތުގައި 20މިލިއަން ޑޮލަރު ދޭނެކަން އެ އިދާރާއިން ފޮނުވި ލިޔުމެއްގައި ބަޔާންކޮށްފައިވެއެވެ.

ކޮންކާކަފުން ބުނެފައި ވަނީ، ފައިސާގެ ބޮޑު ހުށަހެޅުމަކާ އެކު މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ނިންމުމެއް ނިންމަން ފީފާއިން މަސައްކަތްކުރުމަކީ ޝައްކު އުފެދޭ ކަމެއް ކަމަށެވެ. މުބާރާތްތައް ރޭވުމާއި ކަލަންޑަރު އެކުލަވާލުން ފަދަ ފުޓުބޯޅައިގެ މުހިންމު ކަންކަން ހިންގުމުގެ ފުރިހަމަ އިހުތިޔާރު އޮންނަންވާނީ ސީދާ ފީފާއަށް ކަމަށާއި، މި ނިޒާމު ބަދަލުކުރުމަށް އެ ސަރަހައްދުގެ ގައުމުތަކުން އެއްބަސްނުވާނެ ކަމަށް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ކަންކަން ކުރިއަށް ގެންދަންވާނީ ވަރަށް ބޮޑަށް ދެފުށް ފެންނަ އުސޫލެއްގެ ތެރެއިންކަމަށް ވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ފީފާގެ މި ޕްލޭނާ ގުޅިގެން ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔޫއެފާ)އިން ވަނީ ފީފާގެ ހުރިހާ މުބާރާތެއް ބޮއިކޮޓްކުރަން ނިންމާފައެވެ. ނަމަވެސް، ކޮންކާކަފުން ފީފާގެ ހުށަހެޅުމާ ދެކޮޅު ހެދިކަމުގައިވިޔަސް، މުބާރާތްތަކުގައި ބައިވެރިނުވުމަށް އެ އިދާރާއިން އަދި ރަސްމީކޮށް ނިންމާފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު