ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލަބް މޯލްޑިވްސް ސެކްޓަރ ލީގުގެ ފެށުން ހަ ޓީމަކުން ކާމިޔާބުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ފެށި ކްލަބް މޯލްޑިވްސްގެ މި އަހަރުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ސެކްޓަރ ލީގު 2026ގެ ފުރަތަމަ މެޗުތަކުން ލިއޯ، ބަރޮސް، ސިލްވަރ ސޭންޑްސް، އާރްއޯއެލް، އާރްސީސީ އަދި މީޑިއާނެޓް މުހިންމު މޮޅެއް ހޯދައިފިއެވެ.

ވިހި ޓީމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހަތަރު ޓީމު ހިމެނޭހެން ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މިއީ މި ފުޓްސަލް ސީޒަނުގައި ކުޅެވޭ އެންމެ ފަހުގެ ހަރަކާތެވެ.

މުބާރާތުގެ ފުރަތަމަ ރޭ ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ، ގްރޫޕް ޑީގައި އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސްގެ މައްޗަށް 1-0އިން ސިލްވަރ ސޭންޑްސް ކުރިހޯދި މެޗެވެ. މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަލީ ނާއިޝް އަހުމަދު ވަހީދެވެ. މީގެ އިތުރުން ހަމަ މި ގްރޫޕުގައި އާރްއޯއެލް އިން ވަނީ 2-1ގެ ނަތީޖާއަކުން ޔޫރޯ ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ. ނާސިފް ހުސައިނާއި މުހައްމަދު ނަބީހު އާރްއޯއެލް އަށް ލަނޑު ޖަހައިދިންއިރު، ޔޫރޯގެ ލަނޑަކީ އާރްއޯއެލްގެ މުހައްމަދު އަރުޝަދު މިއާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގްރޫޕް ސީގެ ކުޅުމަށް ބަލާއިރު، ލިއޯ އެފްސީ ވަނީ ކުލަބު އެސްބީއައިއާ ވާދަކޮށް 3-1އިން މޮޅުވެފައެވެ. ލިއޯގެ މުހައްމަދު ޔަފާއު ދެ ލަނޑު ޖެހިއިރު އަނެއް ލަނޑު ޖެހީ މުހައްމަދު އަނޫފެވެ. އެސްބީއައިގެ ލަނޑު ޖެހީ އަބްދުالله ތަހުޝީނެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ބަރޮސް މޯލްޑިވްސް އިން ކުލަބު އެޕޯލޯގެ މައްޗަށް ކުރިހޯދީ 3-0އިންނެވެ. ބަރޮހުގެ ލަނޑުތައް އަހުމަދު އަޖުމަލް އާއި ހަސަން ޒާމިލް ކާމިޔާބުކުރިއިރު، ތިންވަނަ ލަނޑަކީ އެޕޯލޯގެ މުހައްމަދު މިޝްއާލް މަޒުހަރުދީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ގްރޫޕް އީ ގައި ކުލަބު އާރްސީސީ އިން ޓީމު ވިލާގެ މައްޗަށް 2-0އިން ކުރިހޯދިއިރު، ދެ ލަނޑުވެސް ކާމިޔާބުކުރީ މުހައްމަދު އާހިލް ނަޒީރެވެ. އަދި މީޑިއާނެޓުން މެޑްޓެކް ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ. މީޑިއާނެޓަށް މުހައްމަދު ސަމީހު އާއި އަހުމަދު ރިޒުވާން ލަނޑު ޖަހައިދިންއިރު، މެޑްޓެކްގެ ހަމައެކަނި ލަނޑު ޖެހީ ޔަޒްދާން އިބްރާހީމެވެ.

ސެކްޓަރ ލީގުގެ މެޗުތައް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު