ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔޫއޭފާއިން ވޯލްޑްކަޕް ބޮއިކޮޓްކުރަން ނިންމައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން މުބާރާތްތައް ހިންގުމަށް ވަކި ކުންފުންޏެއް އުފައްދައި އޭގެ ހިއްސާ ވިޔަފާރިވެރިންނަށް ވިއްކާލަން އުޅޭ މައްސަލައިގައި ހިތްހަމަނުޖެހިގެން، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔޫއޭފާ)އިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި، ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓްކުރުމަށް ނިންމައިފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި ޕްލޭން ދިފާއުކުރައްވަމުން ވިދާޅުވެފައި ވަނީ، އާ ކުންފުނީގެ 20އިންސައްތަ ވިއްކާލުމުގެ ބޭނުމަކީ ފީފާގައި ހިމެނޭ 211ގައުމަށް އިތުރު އާމްދަނީއެއް ހޯދައިދިނުން ކަމަށެވެ. އެހެން ނަމަވެސް، ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ޔޫރަޕުގެ އިދާރާތަކުން ބުނަމުންދަނީ، މިއީ ފުޓްބޯޅައިގެ އަގު ވައްޓާލައި، ކުޅިވަރުގެ ތެރެއަށް ނުރަނގަޅު ނުފޫޒުތައް ވެއްދުމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އަދި މީގެ ސަބަބުން ފީފާގެ އަސްލު ބާރު އެކީގައި ގެއްލިގެންދާނެކަމުގެ ބިރު އެބައޮތްކަމަށް ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

މީގެ އިތުރުން، އިންފަންޓީނޯގެ މި ނިންމެވުމުގެ ފަހަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުންނެވެ. ސަބަބަކީ، ފީފާއިން އަލަށް އުފައްދާ ކުންފުންޏަށް އިންވެސްޓްކުރަން ހަމަޖެހިފައިވަނީ ޓްރަމްޕާ ގާތްގުޅުމެއް ބާއްވާ އެމެރިކާގެ މަހުޖަނުން ކަމަށް ވުމެވެ. ހަމައެހެންމެ، މިއީ ފީފާގެ ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު ވެސް އިންފަންޓީނޯއަށް ބޮޑު މުސާރައެއް ލިބޭނެ ވަޒީފާއެއް ކަށަވަރުކުރުމަށް ރާވާފައިވާ ރޭވުމެއްކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުގެ ކުރިން މި ޕްލޭނަށް ރުހުން ދިނުމަށް އެދި މެމްބަރު ގައުމުތަކަށް އިންފަންޓީނޯ ސިޓީއެއް ފޮނުއްވާފައިވާއިރު، ޔޫއޭފާގެ އިތުރުން އޭއެފްސީ އަދި ކޮންކާކަފުންވެސް ވަނީ ނުރަސްމީ ސިފައެއްގައި މިކަމާ ދެކޮޅުހަދާފައެވެ. އެ އިދާރާތަކުން ބުނާގޮތުގައި، މިފަދަ ބޮޑު ނިންމުމެއް ނިންމަންވާނީ މީޑިއާގެ ބަދަލުގައި ރަސްމީކޮށް ހުރިހާ މައުލޫމާތެއް ހިއްސާކުރެވި، އެކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފަހުގައެވެ.

ވޯލްޑް ކަޕަކީ ގަނެވިއްކޭނެ މުދާއެއް ނޫންކަމަށް ޔޫއޭފާއިން ހަރުކަށި އިބާރާތުން ބުނެފައިވާއިރު، އިންފަންޓީނޯއާ ދެކޮޅަށް ނުކުންނަވާނެ އާ ކެންޑިޑޭޓެއް ހޯދުމުގެ މަސައްކަތް ޔޫރަޕުން މިހާރު ވަނީ ފަށާފައެވެ. މިގޮތުން، ފީފާގެ ރައީސްކަމަށް ވާދަކުރެއްވުމަށް ފްރާންސްގެ ޕީއެސްޖީގެ ވެރިޔާ އަދި ގަތަރުގެ މަހުޖަނު ނާސިރު އަލް ޚަލީފާއަށް ތާއީދުކުރުމަށް ޔޫއޭފާއިން އެއްބަސްވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު