ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ވޯލްޑް ކަޕް ހިއްސާ އަމިއްލަ ފަރާތްތަކަކަށް ވިއްކާލަން އުޅުމުން އެ ޖަމިއްޔާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ބުނެ، އޯޝޭނިއާ ފުޓްބޯޅަ ފެޑެރޭޝަން (އޯއެފްސީ)ގެ މެމްބަރުން އޭނާއާ މެދު އެއްގަލަކަށް އެރުމަށް ނިއުޒީލެންޑް ފުޓްބޯޅަ އިދާރާގެ ރައީސް އެންޑްރޫ ޕްރެގްނެލް ގޮވާލައްވައިފިއެވެ.
އިންފަންޓީނޯގެ ލީޑަރޝިޕަށް މިހާ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ، 4.2ބިލިއަން އެމެރިކާ ޑޮލަރަށް ވޯލްޑް ކަޕުގެ ބައެއް ހައްގުތައް ވިއްކާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، އެކަން ހުއްޓާލަން ޖެހުމާ ގުޅިގެންނެވެ. މި މައްސަލައިގައި ފުޓްބޯޅައިގެ ދުނިޔެ ބައިބައިވެގެން ދިޔުމުން އޭނާ ވަނީ މާފަށް ވެސް އެދިވަޑައިގެންފައެވެ. އަދި ހަތަރުވަނަ ދައުރަކަށް ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް އިންފަންޓީނޯ ކުރައްވަމުން ގެންދެވި މަސައްކަތަށް ޔޫރަޕުގެ ބައެއް ޤައުމުތަކުން ދެމުން އައި ތާއީދު ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.
އިންފަންޓީނޯގެ މުސްތަގުބަލާމެދު ފީފާގެ 211މެމްބަރު ޤައުމުން ވޯޓަކަށް ދާއިރު، ނިއުޒީލެންޑް ހިމެނޭހެން އޯޝޭނިއާ ސަރަހައްދުގެ 11ޤައުމުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަންނަ އަހަރު މަގާމުން ވަކިވެވަޑައިގަންނަވާ ޕްރެގްނެލް ވިދާޅުވީ، އިންފަންޓީނޯގެ ޒައާމަތުގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފީފާގެ މެމްބަރުންނަށް، ޚާއްސަކޮށް ޔޫރަޕާއި ދެކުނު އެމެރިކާ ފިޔަވައި އެހެން ބައްރުތަކަށް ގިނަގުނަ ފައިދާތަކެއް ވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.
ފީފާއިން މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ޕްރެގްނެލް ވަނީ ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުނު ގޮތާމެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ މަޝްރޫއު ރޭވި ގޮތާއި މެމްބަރުންނަށް އެކަން އެންގި ގޮތުގެ ސަބަބުން މުޅި ނިޒާމަށް އޮތް އިތުބާރު ކުޑަވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މާލީ އެއްވެސް ދަތިކަމެއް ނެތް ޖަމިއްޔާއަކުން އަމިއްލަ އިންވެސްޓަރުންގެ އަތުން ފައިސާ ހޯދަންޖެހޭ ސަބަބާ މެދު ސުވާލު އުފައްދަވައި، މުސްތަގުބަލުގައި ބޮޑު އަގެއް ލިބެން އޮތް އެއްޗެއް މިހާރު ހެޔޮ އަގުގައި ވިއްކާލުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އޯޝޭނިއާ ސަރަހައްދުގެ ފުޓްބޯޅައިގެ ގަދަބާރު ކަމަށްވާ ނިއުޒީލެންޑަށް ފީފާގެ ފަރާތުން ބޮޑެތި މަންފާތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި 2023ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތާއި، ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 48އަށް އިތުރުކުރުމުން އެ ސަރަހައްދަށް ލިބުނު ސީދާ ޖާގަ ހިމެނެއެވެ. އެހެން ނަމަވެސް ފީފާގެ ހުރިހާ ނިންމުމަކަށް އެ ޤައުމުން އާނބަސް ނުބުނާނެކަން ހާމަކުރައްވަމުން ޕްރެގްނެލް ވިދާޅުވީ، އަންހެނުންގެ ވޯލްޑް ކަޕް ސްޕޮންސަރަކަށް ސައުދީ ހަމަޖައްސަން އުޅުމުން އެކަމާ ދެކޮޅު ހެދިކަމަށެވެ. އަދި މެމްބަރު ޤައުމުތަކަކީ ހަމައެކަނި ތަބާވާ ބައެއް ނޫންކަމާއި، އެއީ ކުޅިވަރުގެ މުސްތަގުބަލު ބައްޓަންކުރާ ހިއްސާދާރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ ފެޑެރޭޝަންތައް ކަމަށްވާ ޔުއެފާ، އޭއެފްސީ އަދި ކޮންކާކަފް ފަދަ އިދާރާތަކުން ވެސް ފީފާގެ ވެރިންނަށް ކުރާ އިތުބާރު ކުޑަވެފައިވާކަން ފާހަގަކުރައްވައި ޕްރެގްނެލް ވިދާޅުވީ، ނިއުޒީލެންޑުން ވަކި ގޮތެއް ނިންމާނީ އެހެން ފެޑެރޭޝަންތަކާ ވެސް މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އަދި އޯޝޭނިއާގެ ޤައުމުތަކުން އެކުވެރިކަމާއެކު އެއް ނިންމުމެއް ނިންމުމަކީ އެންމެ ފައިދާހުރި ގޮތް ކަމުގައި ވިޔަސް، ކޮންމެ ޤައުމެއްގެ އަމިއްލަ މިނިވަން ނިންމުމަށް އިހުތިރާމްކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.