ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯއާ ދެކޮޅު ފަރާތްތަކަށް ފީފާގެ އިންޒާރު

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މަގާމު ގެއްލުވާލުމަށް ބަޔަކު ރާވައިގެން ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން، ޑިމޮކްރެޓިކް އުސޫލުން ބޭރުން އެއްވެސް ބަދަލެއް ނުގެނެވޭނެކަން ހާމަކޮށް އެ އިދާރާއިން އިއްޔެ ހަރުކަށި އިންޒާރެއް ދީފިއެވެ. 

އިންފަންޓީނޯގެ ލީޑަރޝިޕާ މެދު ސުވާލު އުފެދި، އޭނާއަށް އޮތް ފާޑުކިޔުންތައް އިތުރުވެފައިވަނީ، ބައިނަލްއަޤުވާމީ މުބާރާތްތަކުގެ ހިއްސާ ވިއްކާލައިގެން 4.2ބިލިއަން ޑޮލަރު ހޯދުމަށް އޭނާ ގެންގުޅުއްވި ޚިޔާލު ފެއިލްވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އާއި ބައެއް ޤައުމުތަކުގެ ފެޑެރޭޝަންތަކުގެ އިތުރުން ފީފާގެ އެތެރެއިންވެސް ވަނީ އޭނާއަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިކޮށްފައެވެ.

ފީފާއިން ނެރުނު ބަޔާނުގައި ވަކި ބައެއްގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، މި ބަޔާން އާންމުކޮށްފައިވަނީ އިންފަންޓީނޯ ޔުއެފާގައި މަސައްކަތްކުރެއްވި އިރު ހިނގާފައިވާ ކަމަށް ބުނާ މާލީ މުއާމަލާތެއްގެ މައްސަލަ "ޑެއިލީ ޓެލެގްރާފް"އިން ތިލަކޮށްފައިވާ ވަގުތެއްގައެވެ. ފީފާއިން ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ފާހަގަކޮށް، މީޑިއާ މެދުވެރިކޮށް އޮޅުވާލުމުގެ އަމަލުތައް ހިންގާ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދޭނެކަމަށް ބުނެފައެވެ. 

ޤަވާއިދުތަކާ ޚިލާފަށް ރައީސް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަށް ޖާގަ ނުދޭނެކަމަށް ފީފާއިން ބުނެފައިވާއިރު، އެ އިދާރާއިން ފާހަގަކުރި ގޮތުގައި އިންފަންޓީނޯ މަގާމުގައި ހުންނެވީ މެންބަރު ޤައުމުތަކުގެ ޑިމޮކްރެޓިކް ވޯޓަކުންނެވެ. އަދި ދާދި ފަހުން މޮރޮކޯގައި ބޭއްވުނު ކުއްލި ބައްދަލުވުމެއްގައި، ފީފާގެ އިސް ފަޑިޔާރާއި 211މެންބަރުންގެ ފަރާތުން ވަނީ އިންފަންޓީނޯއަށް ފުރިހަމަ އިތުބާރު އޮތްކަން އަލުން ޔަގީންކޮށްދީފައެވެ.

އެހެންނަމަވެސް، ޔުއެފާއިން ދެކޭގޮތުގައި އިންފަންޓީނޯގެ އިތުބާރު މިހާރު ވަނީ ގެއްލިފައެވެ. މިގޮތުން ނޯވޭ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސާ ލީސާ ކްލަވެނެސް ވަނީ، ފީފާ ހިންގުމުގެ ޤާބިލުކަން އިންފަންޓީނޯގެ ކިބައިގައި މިހާރު ނެތްކަމަށް ވިދާޅުވެ، އޭނާގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ދުނިޔޭގެ އެހެން ބައްރުތަކުން އިންފަންޓީނޯއަށް އޮތް ތާއީދު އަދިވެސް ބޮޑެވެ. އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކެފް)އާއި ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންމެބޯލް)ގެ އިތުރުން މެކްސިކޯއިންވެސް ވަނީ އޭނާއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ކޮންމެބޯލް އިން ޚާއްސަ ގޮތެއްގައި ފާހަގަކުރި ގޮތުގައި، ވޯޓަކާ ނުލައި އިންފަންޓީނޯ މަގާމުން ދުރުކުރުމަށް ކުރާ އެއްވެސް މަސައްކަތެއް އެ އިދާރާއިން ބަލައެއް ނުގަންނާނެއެވެ. 

މި ހުރިހާ ކަމެއް ހިނގަމުން މިދަނީ، އަންނަ އަހަރުގެ މާޗު މަހު މޮރޮކޯގައި އޮންނަ ފީފާ ކޮންގްރެސްގައި ހަތަރުވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް އިންފަންޓީނޯ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މިހާތަނަށް އައިއިރު އޭނާއާ ދެކޮޅަށް ވާދަކުރާނެ ރަސްމީ ކެންޑިޑޭޓަކު ނެރެވިފައެއް ނުވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު