ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ)އިން ފާޅުކުރި ކަންބޮޑުވުންތަކަކީ ރައީސްގެ އިޚުތިޔާރުން ބޭރުން ނިންމެވި ނިންމެވުމެއް ކަމަށް ބުނެ ގަތަރު ފުޓްބޯޅަ އެސޯސިއޭޝަނުން ކުރި ތުހުމަތުތަކަށް، އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވަރަށް ހަރުކަށި އިބާރާތުން ރައްދުދެއްވައި އެކަން ދޮގުކުރައްވައިފިއެވެ.
ޔޫރަޕާއި، އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ ފުޓްބޯޅަ އިދާރާތަކާ ގުޅިގެން އޭއެފްސީން ވަނީ އިންފަންޓީނޯގެ ސިޔާސަތުތަކަށް ފާޑުކިޔައިފައެވެ. ޚާއްސަކޮށް ފީފާގެ މުބާރާތްތަކަށް އަމިއްލަ އިންވެސްޓަރުން ހޯދުމަށް އޭނާ ގެންގުޅުއްވާ ވިސްނުންފުޅާ ދެކޮޅަށް މި އިދާރާތަކުން ތެދުވެ، އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައެވެ. ނަމަވެސް ގަތަރުން ވަނީ މި ނިންމުމަކީ މެންބަރު ގައުމުތަކުގެ މަޝްވަރާއާ ނުލައި އޭއެފްސީން އެކަނި ނިންމި ނިންމުމެއް ކަމަށް ބުނެ މައްސަލަ ޖައްސާފައެވެ.
މިކަމާ ގުޅިގެން ގަތަރު ފެޑަރޭޝަނުގެ ރައީސް ހަމަދު ބިން ޚަލީފާ އަލްޘާނީއަށް ފޮނުއްވި ޖަވާބުގައި ޝެއިޚް ސަލްމާން ވިދާޅުވީ، އޭޝިއާގެ ފުޓްބޯޅައިގެ މަސްލަހަތު ދިފާއުކުރުމުގެ ފުރިހަމަ ގާނޫނީ ބާރު އޭއެފްސީގެ އަސާސީ ގަވާއިދުން ރައީސަށް ލިބިދޭ ކަމަށެވެ. އަދި އޭޝިއާގެ ފުޓްބޯޅައަށް ގެއްލުންވެދާނެ ފަދަ ދަނޑިވަޅެއްގައި ހަނުހުރުމަކީ ޒިންމާއިން ރެކުންކަމުގައި އޭނާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، 2022ވަނަ އަހަރުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށް ބައިނަލްއަގުވާމީ ފިއްތުންތައް ކުރިމަތިވި ވަގުތު، ގަތަރުގެ ދިފާއުގައި އޭއެފްސީން ތެދުވުމުން އެދުވަހު އިޖުރާއީ މައްސަލައެއް ގަތަރުން ނުނެރޭކަން ޝެއިޚް ސަލްމާން ވަނީ ހަނދާންކޮށްދެއްވާފައެވެ.
އުމުރުފުޅުން 60އަހަރުގެ ޝެއިޚް ސަލްމާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުއްލިއަކަށް ގަތަރުން ވަކި ކަމަކާ ގުޅުވައިގެން ފާޑުކިޔަން ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ކުޅިވަރުގެ އަސްލު މަގުސަދަށްވުރެ ބޮޑަށް އިދާރީ ކަންކަމަށް އިސްކަންދީގެން ގަތަރުން ހިންގާ އަމަލުތަކުގެ ސަބަބުން އޭޝިއާގެ ފުޓްބޯޅަ އާއިލާގެ އެއްބައިވަންތަކަން ގެއްލި، މުޅި އިދާރާގެ އަގު ވެއްޓެމުންދާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިވަގުތު އިންފަންޓީނޯއަށް ތާއީދުކުރާ އަރަބި ގައުމުތަކުގެ ތެރޭގައި ގަތަރުގެ އިތުރުން، 2030ގެ ވޯލްޑް ކަޕް ބާއްވާ މޮރޮކޯ ވެސް ހިމެނެއެވެ.
އޭއެފްސީގެ ރައީސްކަމާ 2013ވަނަ އަހަރު ޝެއިޚް ސަލްމާން ހަވާލުވެވަޑައިގަތީ، އެމަގާމުގައި ކުރިން ހުންނެވި ގަތަރުގެ މުޙައްމަދު ބިން ހައްމާމްގެ މައްޗަށް ކޮރަޕްޝަނާއި ފީފާގެ އަޚުލާގީ މިންގަނޑުތަކާ ޚިލާފުވުމުގެ މައްސަލަތަކެއް ސާބިތުވެ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އުމުރަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.