ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އިންފަންޓީނޯއާ އެކު ސާބިތުވެ ތިބުމަށް އެޓޫ ގޮވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ޖިއާނީ އިންފަންޓީނޯއަށް، އެފްރިކާ ބައްރުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން ފުރިހަމައަށް ތާއީދުކޮށް އޭނާއާ އެކު ކުރިއަށް ދިޔުމަށް ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސަމުއެލް އެޓޫ ގޮވާލައިފިއެވެ.

އޭނާ މިކަމަށް ގޮވާލީ ފީފާގެ ވޯލްޑް ކަޕްގައި އެފްރިކާއަށް ލިބޭ ފުރުޞަތުތައް އިތުރުކޮށްދެއްވައި، އެ ބައްރުގެ ފުޓްބޯޅަ ކުރިއެރުވުމަށް އިންފަންޓީނޯ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް އަލިއަޅުވާލައްވަމުންނެވެ.

ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ "ލެކިއުޕް"އަށް ދެއްވި ބަސްދީގަތުމެއްގައި އެޓޫ ވަނީ އިންފަންޓީނޯގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން، ދުނިޔޭގެ ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް އޭނާ ގެނެސްފައިވާ ކަމަށާއި، ޚާއްޞަކޮށް ވޯލްޑް ކަޕްގެ މައިދާނުން މީގެ ކުރިން ޖާގައެއް ނުލިބިފައިވާ އެތައް ޤައުމަކަށް އެ ފުރުޞަތު ފަހިކޮށްދެއްވުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމަށް ބުންޏެވެ. އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންގްރެސްގައި ދެވަނަ ދައުރަކަށް އިންފަންޓީނޯ ވާދަކުރާނެ އިއުލާނުކޮށްފައިފައިވާއިރު، އެމެރިކާ ބައްރުގައި ބާއްވާ 48ޓީމުގެ ވޯލްޑް ކަޕުން އެފްރިކާއަށް މިހާރު ވަނީ 9ޖާގަ ކަށަވަރުވެފައެވެ. މިއީ 2022ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގައި އެ ބައްރަށް ލިބުނު 5ޖާގައަށް ވުރެ ބޮޑު ކުރިއެރުމެކެވެ.

އިންފަންޓީނޯއާ މެދު އެޓޫ ގެންގުޅޭ މި ހެޔޮ ވިސްނުމަކީ، ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އިން އޭނާއާ ދެކޮޅަށް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ މުޅިން ތަފާތު ވިސްނުމެކެވެ. އެޓޫ ފާހަގަކުރެއްވި ގޮތުގައި، ޔޫރަޕުގެ މުއްސަނދި ޤައުމުތަކުން ފީފާއާ މެދު ދެކޭ ގޮތާއި އެފްރިކާގެ ފަގީރު ޤައުމުތަކުން ދެކޭ ގޮތް އެއްގޮތް ނުވާނެއެވެ. ސަބަބަކީ އެފްރިކާގެ ގިނަ ފެޑެރޭޝަންތަކަކީ އަހަރީ ބަޖެޓުގެ ގޮތުގައި އެންމެ 150،000ޔޫރޯ ލިބޭ، އަދި ސަރުކާރުގެ އެހީތެރިކަމަށް އިންތިހާއަށް ބަރޯސާވާންޖެހޭ ފަރާތްތަކަކަށް ވުމެވެ. އެހެންކަމުން މާލީ ފުދުންތެރިކަން ހުރި ޔޫރަޕާ އެއް ހަމައެއްގައި އެފްރިކާއަށް ވާދަނުކުރެވޭނެކަން އޭނާ ހަނދާންކޮށްދިނެވެ.

ވަސީލަތްތައް މަދުވުމުގެ ނޭދެވޭ އަސަރު އެފްރިކާގެ ފުޓްބޯޅައަށް ކުރަމުންދާކަން ބަޔާންކުރައްވަމުން އެޓޫ ބުނީ، ކެމަރޫން ފަދަ ޤައުމުތަކަށް އެކަށީގެންވާ ބަޖެޓެއް (އަހަރަކު 20ނުވަތަ 40މިލިއަން ޑޮލަރު)ލިބޭނަމަ، ކީލިއަން އެމްބާޕޭ އާއި އައުރެލިއަން ޗުއާމެނީ ފަދަ ހުނަރުވެރި ކުޅުންތެރިން ޔޫރަޕަށް ދިއުމުގެ ބަދަލުގައި ކުޅޭނީ އަމިއްލަ ޤައުމަށް ކަމަށެވެ. މީގެ އިތުރުން، ޔުއެފާއަކީ ފީފާގެ ނިޒާމުގެ ތެރޭގައި މުހިންމު ބާރެއް ނަމަވެސް، އެއީ ހަމައެކަނި އޮތް އެންމެ މުހިންމު އިދާރާގެ ގޮތުގައި ބެލެވިގެން ނުވާނެކަމަށް ވެސް އޭނާ ބުންޏެވެ. ޔުއެފާއިން އަންނަނީ ފީފާގެ ބައެއް އިންވެސްޓްމަންޓް ޕްލޭންތަކާ ދެކޮޅުހަދައި، އިންފަންޓީނޯއާ ދެކޮޅަށް ސްވިޒަލެންޑުގައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެމެރިކާގެ ކޯޓުތައް މެދުވެރިކޮށް ހެކި ހޯދުމަށްވެސް މަސައްކަތްކުރަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު