ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ހިންގުމާ މެދު ކަންބޮޑުވުން ފާޅުކޮށް، އަންނަ އަހަރުގެ މާޗު މަހު އޮންނަ އިންތިޚާބުގައި އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރިން ދީފައިވާ ތާއީދު އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އަނބުރާ ގެންގޮސްފިއެވެ.
ފީފާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރުއަދާކުރި ނަމަވެސް، އަޔަލެންޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންފަންޓީނޯއަށް އޮތް ތާއީދު ބާތިލުކުރަން ނިންމީ ފީފާގެ ކަންކަން ހިނގާގޮތާއި ދެފުށް ފެންނަ މިންވަރާ މެދު އުފެދިފައިވާ ސުވާލުތަކާ ގުޅިގެން ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ، ވޯލްޑް ކަޕްގެ 20އިންސައްތަ ހިއްސާ އަމިއްލަ ވިޔަފާރިވެރިންނަށް ވިއްކާލައިގެން 4.2ބިލިއަން ޑޮލަރު ހޯދުމަށް އިންފަންޓީނޯ އިސްވެ ހުންނަވައިގެން ގެންގުޅުއްވި ޕްލޭނެވެ.
މި ބޮޑު މަޝްރޫއުގެ ދަށުން ކޮންމެ މެމްބަރު ގައުމަކަށް 20މިލިއަން ޑޮލަރު، އަދި އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގެ ދެގުނަ ދިނުމަށް ހުށަހެޅި ނަމަވެސް، ޔުއެފާ، ކޮންކާކަފް އަދި އޭއެފްސީ ފަދަ ބޮޑެތި ކޮންފެޑެރޭޝަންތަކުން ވަނީ މިކަމާ ވަރަށް ބޮޑަށް ދެކޮޅުހަދާފައެވެ. އަދި ބައެއް ފަރާތްތަކުން އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލުމާ ގުޅިގެން އޭނާ ވަނީ އެ ނިންމުން އަނބުރާ ގެންދަވާފައެވެ. މީގެ އިތުރުން މޮރޮކޯގައި ދާދިފަހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފީފާއިން ވަނީ މިކަމުގައި އަމަލުކުރެވުނު ގޯސް ގޮތްތަކަށް މެމްބަރު ގައުމުތަކުގެ ކިބައިން މާފަށް ވެސް އެދިފައެވެ.
ޔޫރަޕާއި އޭޝިއާގެ ބޮޑެތި ބާރުތަކުން އިންފަންޓީނޯއާ ދެކޮޅަށް ތެދުވި ނަމަވެސް، އަރަބި ބައެއް ގައުމުތަކުން އަދިވެސް އަންނަނީ އޭނާގެ ދިފާއުގައި ވާހަކަދައްކަމުންނެވެ. އެގޮތުން ގަތަރާއި، މޮރޮކޯ، މިސްރު، ލުބުނާން، ސޫދާން އަދި މޮރިޓޭނިއާ ހިމެނޭހެން އަރަބި 6ގައުމެއްގެ ފުޓްބޯޅަ އިދާރާއިން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެ، އިންފަންޓީނޯގެ ލީޑަރޝިޕަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކޮށްފައެވެ. މި ބަޔާނުގައި ސޮއިކުރެއްވި ބައެއް ބޭފުޅުންނަކީ ފީފާ ކައުންސިލްގެ މެމްބަރުން ވެސް މެއެވެ.
މިއަންނަ އަހަރުގެ މާޗު މަހު އޮންނަ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 211ގައުމަކަށް ލިބިފައިވާއިރު، އިންފަންޓީނޯއާ ދެކޮޅު ހަދާ ތިން ކޮންފެޑެރޭޝަނުގައި އެކަނިވެސް 136މެމްބަރުން ހިމެނެއެވެ. ނަމަވެސް ކޮންމެ ގައުމަކަށް ވަކިން ވޯޓުލެވޭތީއާއި، އެފްރިކާ ބައްރުގެ ފުރިހަމަ ތާއީދު އޮތުމާ އެކު، އިންފަންޓީނޯ މަގާމު ދިފާއުކުރުމުގެ ފުރުސަތު އަދިވެސް ބޮޑެވެ. މި އިންތިޚާބުގައި ދެ ކެންޑިޑޭޓުން ވާދަކުރާ ނަމަ ކާމިޔާބުކުރަން 106ވޯޓު ބޭނުންވާއިރު، އެއަށްވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ ފުރަތަމަ ބުރުން މޮޅުވުމަށް 141ވޯޓު ކަށަވަރުކުރަން ޖެހޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.