ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ ޕްލޭނަށް ފުޓްބޯޅަ އިދާރާތަކުގެ ފާޑުކިޔުން

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ވޯލްޑް ކަޕް ހިމެނޭހެން އެ އިދާރާގެ މުބާރާތްތައް ހިންގުމަށް 20ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދައި، އޭގެ ތެރެއިން 20އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލަން ނިންމި މައްސަލައިގައި ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)އާއި އެހެނިހެން ޖަމިއްޔާތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަން ފަށައިފިއެވެ.

ފީފާއިން ތައާރަފުކުރަން އުޅޭ އައު މަޝްރޫއުގެ ދަށުން އުފައްދާ ކުންފުންޏަށް ދީފައިވާ ނަމަކީ "ފީފާ ފޯވާޑް އެންޓަޕްރައިޒް"އެވެ. މި ކުންފުނީގެ މައިނޯރިޓީ ހިއްސާ ބޭރުގެ ފަރާތްތަކަށް ދޫކޮށްލައިގެން 4.2ބިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ހޯދުމަށް ފީފާއިން ވަނީ އަމާޒުހިފާފައެވެ. ނަމަވެސް މިފަދަ ބޮޑު ނިންމުމެއް ނިންމިއިރު، މެންބަރު ގައުމުތަކާއި ކަމާބެހޭ ފަރާތްތަކާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާތީ، މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ޔުއެފާއިން ބުނީ، މިއީ ފުޓްބޯޅައިގައި އެއްވެސް އިރަކު ފަހަނައަޅައި ގޮސްގެންވާނެ އިންތަކެއް ނޫން ކަމަށާއި، ފުޓްބޯޅައަކީ ގަނެވިއްކާ ވިޔަފާރި މުދަލަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ފުޓްބޯޅައިގެ ހަގީގީ މިލްކުވެރިއަކީ ފީފާ ނޫންކަމަށް ވާއިރު، އެ ކުޅިވަރު ވިއްކާލުމުގެ އެއްވެސް ބާރެއް އަދި އިޚުތިޔާރެއް ވެސް އެ އިދާރާއަށް ލިބިގެން ނުވާކަމަށް ޔުއެފާއިން ވަނީ ހާމަކޮށްފައެވެ. ފްރާންސް އަދި ޑެންމާކު ފަދަ ޔޫރަޕުގެ ބޮޑެތި ފުޓްބޯޅަ ފެޑަރޭޝަންތަކުންވެސް ވަނީ މީޑިއާ މެދުވެރިކޮށް މިކަން އެނގުމުން ސިހުން ލިބުނުކަމަށް ބުނެ، މިކަމާ ދެކޮޅަށް ޔުއެފާއާ ގުޅިގެން މަސައްކަތްކުރާނެކަން އިއުލާނުކޮށްފައެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ)އިން ދެކޭގޮތުގައި މިފަދަ ބޮޑު ބަދަލެއް ގެންނަންވާނީ އޭގެ ސަބަބުން ގާނޫނީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ކުރާނެ އަސަރުތައް ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށްފަހުގައެވެ. އަދި މި މަރުހަލާއަކީ ފީފާގެ މެންބަރުންނަށް ފުރިހަމަ މައުލޫމާތު ލިބި، އެންމެންގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ފަދަ ދެފުށް ފެންނަ ގޮތަކަށް ކުރިއަށްދާ ކަމަކަށް ވުން މުހިންމުކަމަށް އޭއެފްސީން ބާރުއަޅައެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި ކުރީގެ ކުޅުންތެރިންވެސް ދަނީ ސޯޝަލް މީޑިއާގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފީފާއިން މަސައްކަތްކުރަނީ ފުޓްބޯޅައިގެ އަސްލު އޮޅޭގޮތަށް، ހަމައެކަނި ފައިސާއާއި ސިޔާސީ ނުފޫޒު ކުރިއަށް ނެރެގެން ކުޅިވަރު ވިއްކާލުމަށެވެ. މުޅި ޔޫރަޕު އެކަތިގަނޑަކަށް ވެއްޖެނަމަ ފީފާގެ މި ނިންމުން ހުއްޓުވިދާނެކަމަށް ބެލެވޭއިރު، ޗެކް ރިޕަބްލިކްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކަނި ވަނީ އިންފަންޓީނޯގެ މި ޕްލޭނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ފެންނަން އޮތްކަމަށް ބުނެފައެވެ. ނަމަވެސް އެ އިދާރާއިންވެސް ވަނީ މިކަމުގައި އިތުރު ތަފްސީލުތަކެއް ބޭނުންވާކަން ފާހަގަކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު