ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރިޔާސަތާ ދެން ހަވާލުވެވަޑައިގަންނަވާ ބޭފުޅަކީ މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާ އެއްގަލަކަށް އަރުވައި، ކުޅިވަރުގެ އަސްލު އަމާޒުތައް ހިމާޔަތްކުރެވޭނެ ބޭފުޅަކަށް ވުމަކީ މަޖުބޫރުކަމެއް ކަމަށް ޔޫރަޕުގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)ގެ ނައިބު ރައީސާ ލައުރާ މެކަލިސްޓަރ ވިދާޅުވެއްޖެއެވެ.
ލައުރާ މިފަދައިން ގޮވާލައްވާފައިވަނީ، ވޯލްޑް ކަޕްގެ އާމްދަނީގެ ބައެއް ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ޕްލޭން ފެއިލްވެ، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން މޮރޮކޯގެ ރަބާތުގައި އިއްޔެ ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ފީފާގެ އިސް ބޭފުޅުން ވަނީ، އިންފަންޓީނޯއަށް އިތުބާރު އޮތްކަން ހާމަކުރެއްވި ނަމަވެސް، އިންވެސްޓްމަންޓް ޕްލޭންގައި ހެދުނު ގޯސްތަކަށް މެމްބަރު 211ގައުމުގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ކުރިއަށް ގެންދާނީ ފުރިހަމައަށް މުރާޖައާކުރުމަށް ފަހުކަމަށް ފީފާއިން ވަނީ ވައުދުވެފައެވެ.
އަންނަ އަހަރު އޮންނަ ފީފާގެ ރިޔާސީ އިންތިޚާބާ ހަމައަށްވެސް މި މައްސަލައިގެ ހޫނުކަން ދެމިއޮންނާނެކަމަށް ބެލެވޭއިރު، އިންފަންޓީނޯއާ ވާދަކުރައްވާނެ ވަރުގަދަ ކެންޑިޑޭޓެއް ނެރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ލައުރާ ފާހަގަކުރެއްވިއެވެ. ސަބަބަކީ، ފީފާގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ހަމައެކަނި ޔޫރަޕުގެ ތާއީދު އޮންނަ ބޭފުޅެއްގެ ބަދަލުގައި، ފުޓްބޯޅައިގެ ތެރޭގައި ހިމެނޭ ސިޔާސީ ގިނަ އޮއިވަރުތަކެއްގެ ތެރެއިން މުޅި ދުނިޔޭގެ ތާއީދު ހޯއްދަވަން ޖެހޭނެ ބޭފުޅަކަށް ވާންޖެހުމެވެ.
ވޭލްސްގެ އަންހެން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރިން ކުރައްވާފައިވާ ލައުރާ ވަނީ ފީފާގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ އަދި ޑިމޮކްރެޓިކް އުސޫލުތަކެއްގެ މައްޗަށް ކުޅިވަރުގެ ހިންގުން ބައްޓަންކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ފުޓްބޯޅައަކީ ވަކި ބައެއްގެ މުދަލަކަށް ނުވަތަ ވިޔަފާރީގެ މަންފާއަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެއެވެ.
ފީފާގެ ލީޑަރޝިޕަށް އަންނަ ކޮންމެ ބަދަލަކާ އެކު ވެސް ކުޅިވަރުގެ އަސްލު މަގުސަދަށް ރުޖޫއަވާންޖެހޭނެކަން ފާހަގަކުރައްވަމުން ލައުރާ ވިދާޅުވީ، ފުޓްބޯޅައަކީ އާންމު ރައްޔިތުންނާއި، އަންހެނުންނާއި ފިރިހެނުންގެ އިތުރުން މުއްސަނދި އަދި ފަގީރު ގައުމުތަކުގެ ވެސް ހައްގެއް ކަމަށާއި، މި ކުޅިވަރުގެ ފައިދާ އެންމެނަށް ވެސް ހަމަހަމަކަމާ އެކު ލިބެންޖެހޭނެކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.