ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ވޯލްޑް ކަޕް ވިއްކާލަން މަސައްކަތްކުރާކަމަށް ބްލެޓާގެ ތުހުމަތު

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ، ވޯލްޑް ކަޕް ޕްރައިވެޓައިޒްކޮށް ވިޔަފާރިވެރިންނަށް ވިއްކާލައްވަން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ، އެ އިދާރާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނުގެ މައްސަލަތަކެއްގައި ފީފާއިން ސަސްޕެންޑުކޮށްފައިވާ އުމުރުފުޅުން 90އަހަރުގެ ބްލެޓާ ފާހަގަކުރެއްވި ގޮތުގައި، ފުޓްބޯޅައަށް ފައިސާ ބޭނުންވި ނަމަވެސް، މިއީ ސިޔާސީ ނުފޫޒުތަކުގެ ތެރެއިން ކުޅޭ ކުޅިވަރަކަށް ވެގެން ނުވާނެއެވެ. އަދި އިންފަންޓީނޯ އިސްވެ ހުންނަވައިގެން ފީފާގެ އުސޫލުތައް މުގުރާލަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ސަތާރަ އަހަރު ވަންދެން ފީފާގެ ރައީސްކަން ކުރެއްވި ބްލެޓާއަކީ ފުޓްބޯޅައިގެ ތެރެއަށް ފުރަތަމަ ފަހަރަށް ސްޕޮންސަރުން ވެއްދުމުގެ އެންމެ އިސް މޭސްތިރިޔާއެވެ.

ސިޔާސީ ފަރާތްތަކުން ގުޅާލާ ފޯނު ކޯލަކުން ފީފާގެ ނިންމުންތައް ބަދަލުވަމުންދާކަން ފާހަގަކުރައްވައި ބްލެޓާ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް އެމެރިކާ ކުޅުންތެރިއަކަށް ދެއްކި ރަތް ކާޑެއް ފީފާއިން މައާފުކޮށްދިން މައްސަލައާއި އެނޫން ވެސް ބައެއް ނިންމުންތަކަށް އިޝާރާތްކުރައްވާފައެވެ. ބްލެޓާ ވިދާޅުވީ ފީފާއަކީ ސިޔާސީ ކަންކަމުން އެއްކިބާވެފައި އޮންނަންޖެހޭ މުއައްސަސާއެއް ކަމަށާއި، ސިޔާސީ ބޭފުޅުން ބޭނުންވުމުން އެ އިދާރާގެ އުސޫލުތައް ބަދަލުވެގެން ނުވާނެ ކަމަށެވެ.

ބްލެޓާގެ އިތުރުން ޔޫއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ވެސް ވަނީ އިންފަންޓީނޯއަކީ ފައިސާވެރިންނާ މާބޮޑަށް ގުޅުންބާއްވާ ބޭފުޅެއްކަމަށް ވިދާޅުވެ، އޭނާގެ ލީޑަރޝިޕާ މެދު ސުވާލު އުފައްދަވާފައެވެ. ދާދިފަހުން އެމެރިކާގައި ނިމިގެންދިޔަ ވޯލްޑް ކަޕް މުބާރާތަށް ފަހު، ޔޫރަޕްގެ ފުޓްބޯޅަ އިދާރާތަކާއި އިންފަންޓީނޯއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު