ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

މެސީއަށް ފަހިގޮތްތަކެއް ހަދައިދިންކަމަށް ބުނާ ވީޑިއޯއަކަށް ރޮނާލްޑޯ ލައިކްދީފި

ޝެއާ ކުރޭ Facebook Telegram Viber X

ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ އެހީތެރިކަމާ އެކު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ "ލައިކް"ދިނުމާ ގުޅިގެން، މި މައްސަލައަށް އޮތް ސަމާލުކަން އިތުރަށް ބޮޑުވެއްޖެއެވެ.

ރޮނާލްޑޯގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން މި ވީޑިއޯއަށް ލައިކް ދީފައިވާކަން މިއަދު ފާހަގަކުރެވިފައިވާއިރު، އޭނާ އެ ވީޑިއޯއަށް ލައިކް ދިނީ ފައިނަލް މެޗުގެ ކުރިން ނުވަތަ ފަހުން ކަމެއް ސާފެއް ނުވެއެވެ.

މި ވީޑިއޯއަކީ ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ކުރިން، "އެސްޕެޖޯ ޕަބްލިކޯ ޝޯ"ގެ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓަކުން އާންމުކުރި ވީޑިއޯއެކެވެ. މިއީ ސްޕެއިންގެ ނޫސްވެރިއެއް ކަމަށްވާ ޕިލާ ރޮޑްރިގޭޒް ލޮސަންޓޯސް ފުޓްބޯޅަ ޝޯއެއްގައި ދެއްކި ވާހަކަތަކެކެވެ. އޭނާ ވަނީ ފީފާއަށާއި އާޖެންޓީނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި، އާޖެންޓީނާއަށް ރެފްރީންގެ އެހީތެރިކަން ލިބުނު ކަމަށް ތުހުމަތުކޮށްފައެވެ.

ޕިލާ ބުނެފައިވާ ގޮތުގައި، މީގެ ފަސް މެޗު ކުރިން މުބާރާތުން ކަޓަންޖެހިފައި އޮތް އާޖެންޓީނާ އަދިވެސް މުބާރާތުގައި ދެމިއޮތީ ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް މުއައްސަސާ ކަމަށްވާ ފީފާގެ އެހީގައެވެ. 

"އެހެންވެ އަހަރެން އާޖެންޓީނާ ދެކެ އެއްވެސް ވަރަކަށް ބިރެއް ނުގަނޭ. (އެކަމަކު)އަހަރެން ބިރުގަންނަނީ ޖިއާނީ އިންފަންޓީނޯ ދެކެ. އަހަރެން ގަބޫލުކުރަނީ އަހަރެމެން (ސްޕެއިން)ކުޅެންޖެހެނީ އާޖެންޓީނާއާ ދެކޮޅަކަށް ނޫން، ލިއޮނެލް މެސީއަށް ވޯލްޑް ކަޕް ހަވާލުކުރަން ބޭނުންވާ މުޅި ފީފާއާ ދެކޮޅަށޭ"

މެސީއަށް ފީފާގެ ނުފޫޒުން ފައިދާވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް މީގެ ކުރިން ރޮނާލްޑޯ އެއްވެސް އެއްޗެއް ބުނެފައި ނުވި ނަމަވެސް، މި ވީޑިއޯއަށް އޭނާ ލައިކް ދިނުމުން ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ. މި ވީޑިއޯއަށް ލައިކް ދިން ވަކި ސަބަބެއް ރޮނާލްޑޯ ހާމަކޮށްފައި ނުވާއިރު، ބައެއް މީޑިއާތަކުން ސިފަކުރާ ގޮތުގައި މިއީ ކެރިއަރު ނިމެން ކައިރިވެފައިވާ ދެ ކުޅުންތެރިންގެ ދެމެދުގައި އޮތް ވާދަވެރިކަން އަދިވެސް ތާޒާކޮށް އޮތްކަމުގެ ހެއްކެކެވެ.

ފީފާއިން ވަކި ޓީމަކަށް ޖެހޭ ކަމަށް ކުރެވޭ ތުހުމަތުތައް ވަރުގަދަވީ، މުބާރާތުގެ ގަދަ 16ގެ މެޗުގައި މިސްރު އަތުން 3-2އިން އާޖެންޓީނާ މޮޅުވި މެޗަށް ފަހުއެވެ. އެ މެޗުގައި ރެފްރީން ނިންމި ގިނަ ނިންމުންތަކަކާ ގުޅިގެން މިސްރުގެ ފުޓްބޯޅަ އިދާރާ އީއެފްއޭ އިން ވަނީ ފީފާއަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ. އެ އިދާރާއިން ބުނެފައިވަނީ "މިޞްރުގެ ގައުމީ ޓީމުގެ ހައްގުތަކާއި މަސްލަހަތު ދިފާއުކުރުމަކީ ދޫކޮށްލެވޭނެ ނުވަތަ ކުޑަކޮށްލެވޭނެ ކަމެއް ނޫން"ކަމަށެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު