ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

"ޖާނުން ފިދާވެގެން މެސީ މަރާލަން ރޭވި"

ޝެއާ ކުރޭ Facebook Telegram Viber X

މިދިޔަ މަހު ބޭއްވި ވޯލްޑް ކަޕްގެ ތެރޭގައި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖާނުން ފިދާވެގެން މަރާލަން ރާވާފައިވާ ކަމަށް ފުލުހުންގެ ލީކުވެފައިވާ ސިއްރު ރިޕޯޓަކުން ހާމަވެއްޖެއެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "އިންފޮމޭޝަން ޑޮޓް އީއެސް"އިން އެންމެ ފުރަތަމަ ތިލަކުރި މި ރިޕޯޓުގައިވާ ގޮތުން، މެސީގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެހެން ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް މަރުގެ ބޮޑެތި އިންޒާރުތަކެއް އެ މުބާރާތުގެ ތެރޭގައި ވަނީ ލިބިފައެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިސްރާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގެ ކުރިން މެސީ މަރާލާނެ ކަމުގެ އިންޒާރުގެ މެސެޖުތަކެއް ފުލުހުންނަށް ލިބުނެވެ. އެގޮތުން މީހަކު އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮށްގެން މެސީ މަރާލަން އުޅުނު ކަމަށް އެ ނޫހުން ރިޕޯޓްކުރެ އެވެ. ލީކުވި ރިޕޯޓާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، "އެޓްލާންޓާ ސްޓޭޑިއަމަށް ވަދެ ހަށިގަނޑުގައި ބަނދެފައިވާ ހަތަރު ބޮމުން މެސީ ގޮއްވާލާނަން"ކަމަށް ބުނެ އެ މީހާ އިންޒާރު ދީފައިވާ ކަމަށެވެ. މީގެ އިތުރުން، އެ މެޗު ކުޅުނު ދުވަހު ސްޓޭޑިއަމްގެ ކުނިވަށިގަނޑުތަކުގައި ތިން ބޮމެއް އޮތް ކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބިފައިވެއެވެ.

މެސީގެ އިތުރުން އާޖެންޓީނާ އާއި އުރުދުން ބައްދަލުކުރި މެޗުގައި ވެސް ދެ މީހަކު ދަނޑަށް ވަދެ ބޮމާއި ބަޑި ބޭނުންކޮށްގެން ހަމަލާދޭން އުޅޭ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުކޮށް ވެސް ރޭވުންތަކެއް ރާވާފައިވެއެވެ. އެގޮތުން ރޮނާލްޑޯ ހުރި ތަނެއް ހޯދަން މީހަކު މަސައްކަތް ކުރި ކަމަށް ފީފާގެ މުވައްޒަފަކު ރިޕޯޓްކުރިއިރު، އޭނާ ހުރި ހޮޓަލުގެ ލިފްޓުން ރޮނާލްޑޯއާ ބައްދަލުކުރަން ވެސް މީހަކު އުޅުނެވެ. ނަމަވެސް ފުލުހުން ބުނީ އެއީ ރޮނާލްޑޯއާ އެކު ސެލްފީއެއް ނަގަން އުޅުނު މީހެއް ކަމަށެވެ.

މި މުބާރާތުގައި ރެފްރީންނާއި މެޗު އޮފިޝަލުންނަށް ވެސް ބޮޑެތި އިންޒާރުތަކެއް ލިބުނެވެ. އެންމެ ގިނަ އިންޒާރު ލިބުނީ ގަދަ 16ގެ ބުރުގައި އާޖެންޓީނާ އާއި މިސްރު ކުޅުނު މެޗުގައި ސުވާލު އުފެދޭ ނިންމުންތަކެއް ނިންމި ކަމަށް ތުހުމަތު ކުރެވުނު ފްރާންސްގެ ރެފްރީ ފްރަންސުވާ ލެޓެކްސިއޭ އަށެވެ. އޭނާއަށް ވަޓްސްއެޕް މެދުވެރިކޮށް 6،000އަށް ވުރެ ގިނަ އިންޒާރުގެ މެސެޖު ލިބިފައިވެއެވެ. މީގެ އިތުރުން ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އާއި ނޯވޭގެ އެލެގްޒެންޑާ ސޯލޮތު އަދި ކޮލަމްބިއާ މުބާރާތުން ކެޓުމުން އެ ގައުމުގެ ހެމިންޓަން ކެމްޕާޒްއަށް ވެސް މަރުގެ އިންޒާރުތައް ލިބުނެވެ.

މި ހުރިހާ ނުރައްކާތެރި އިންޒާރުތަކާ ގުޅިގެން، އެމެރިކާގެ ތަންފީޒީ އިދާރާ އެފްބީއައި (FBI)އާއި އިންޓަނޭޝަނަލް ޕޮލިސް ކޯޕަރޭޝަން ސެންޓަރުގެ ޓީމަކުން ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ކުޅުންތެރިންނާއި އޮފިޝަލުންގެ ސަލާމަތަށް ފިޔަވަޅުތަކެއް އަޅާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު