ބްރެޒިލްގެ އިންޓަނޭޝަނަލް ކްލަބަށް ކުޅޭ ވިކްޓަރ ގަބްރިއެލް ކުރި ނުރައްކާތެރި ފައުލެއްގެ ސަބަބުން ކްރުޒެއިރޯގެ ފޯވާޑް ގަބްރިއެލް ޕެކްގެ ފައި ބިންދައިގެން ދިއުމާ ގުޅިގެން، ޕެކްގެ އަނިޔާ ރަނގަޅުވަންދެން ނުވަތަ އެންމެ ގިނަވެގެން ހަ މަސްދުވަހަށް ވިކްޓަރ ގަބްރިއެލް ސަސްޕެންޑްކުރުމަށް ބްރެޒިލްގެ ކޯޓަކުން އަމުރުކޮށްފިއެވެ.
މިދިޔަ ޖުލައި މަހުގެ 22ވަނަ ދުވަހު ބްރެޒިލްގެ ސެރީ އޭ ލީގުގައި މި ދެ ޓީމު ވާދަކުރި މެޗުގައި ހިނގި މި ހާދިސާގައި، ގަބްރިއެލް ޕެކްގެ ވާތު ފައިގެ ކަށިގަނޑު ވަނީ ބިނދިފައެވެ. އެމެރިކާގެ އެލްއޭ ގެލެކްސީ ދޫކޮށް ކްރުޒެއިރޯއާ ގުޅުމަށް ފަހު ޕެކް ކުޅުނު ފުރަތަމަ މެޗުގައި އޭނާއަށް މި ބޮޑު އަނިޔާ ލިބުނުއިރު، ފައުލް ކުރި ވިކްޓަރ ގަބްރިއެލްއަށް ވަނީ އެވަގުތު ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ބްރެޒިލްގެ ސުޕީރިއަރ ކޯޓް އޮފް ސްޕޯޓްސް ޖަސްޓިސް (އެސްޓީޖޭޑީ)އިން ނިންމާފައި ވަނީ، މި އަމަލުގެ ނުރައްކާތެރިކަން ބޮޑުކަމުން އާންމު އުސޫލުން ދޭ ސަސްޕެންޝަނެއް އެކަށީގެން ނުވާ ކަމަށެވެ. އެހެންކަމުން، އަނިޔާ ލިބުނު ކުޅުންތެރިޔާ ފަރިތަކުރުންތަކަށް އެނބުރި އަންނަންދެން ނުވަތަ ގިނަވެގެން 180ދުވަހުގެ މުއްދަތަކަށް ފައުލްކުރި ކުޅުންތެރިޔާ ކުޅުމާ ދުރުކުރުމަށް ނިންމީއެވެ. މި ނިންމުން އިސްތިއުނާފު ކުރުމުގެ ހައްގު އޭނާއަށް ލިބިގެންވެއެވެ.
ކޯޓުގެ އަޑުއެހުންތަކުގައި ވާހަކަދައްކަމުން ވިކްޓަރ ގަބްރިއެލް ވަނީ އޭނާގެ އަމަލާމެދު ވަރަށް ބޮޑަށް ދެރަވާކަން ފާޅުކޮށްފައެވެ. އެއްވެސް ގޯސް ނިޔަތެއްގައި ގަސްދުގައި ދިން އަނިޔާއެއް ނޫންކަން ފާހަގަކޮށް، އޭނާ ވަނީ ޕެކްގެ ކިބައިން މައާފަށް އެދުމުގެ އިތުރުން އެހީތެރިކަން ފޯރުކޮށްދޭން ވެސް ހުށަހަޅާފައެވެ.
މީގެ އިތުރުން، މި މައްސަލައިގެ ދިފާއުގައި އިންޓަނޭޝަނަލް ކްލަބުން ކޯޓަށް ހުށަހެޅި ވީއޭއާރް އޯޑިއޯއެއްގެ ސައްހަކަމާ މެދު އެސްޓީޖޭޑީން ވަނީ ސުވާލު އުފައްދާފައެވެ. ސޯޝަލް މީޑިއާއިން ނަގައިގެން ހުށަހެޅި އެ އޯޑިއޯއަކީ ސައްހަ އެއްޗެއްކަން ކަށަވަރު ނުކުރެވޭތީ، ކްލަބުގެ ވަކީލުން ފަހުން ވަނީ އެ ހެކި ބަލައިނުގަތުމަށް އެދިފައެވެ. ކްލަބުން ބުނެފައި ވަނީ އެއީ ގޯސް ނިޔަތެއްގައި ކުރި ކަމެއް ނޫން ކަމަށާއި، ނަމަވެސް ހެކި ހޯދުމުގައި އިހުމާލުވެވިފައިވާކަން ގަބޫލުކުރާ ކަމަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.