ދިވެހިރާއްޖޭގައި ކްރިކެޓް ކުޅިވަރު އިތުރަށް ފުޅާކޮށް، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމުގެ މަޤްޞަދުގައި، ފުވައްމުލައް ސިޓީ ކައުންސިލާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގުޅިގެން ރަސްމީ އެއްބަސްވުމެއް އެކުލަވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.
މި މުހިންމު ނިންމުން ނިންމާފައި ވަނީ، ސީބީއެމްގެ އިސްވެރިންނާއެކު ފުވައްމުލައް ސިޓީގެ ޚާއްޞަ ވަފުދަކުން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ކްރިކެޓް ބޯޑުގެ ފަރާތުން އެ އިދާރާގެ ރައީސް މުޙައްމަދު ފައިޞަލް އަދި ނައިބު ރައީސް އަޙްމަދު އިސްޙާޤު ބައިވެރިވެވަޑައިގަތްއިރު، ފުވައްމުލަކު ކައުންސިލް ތަމްސީލުކުރެއްވީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ލިރާރުގެ އިތުރުން ކައުންސިލްގެ ބައެއް މެންބަރުންނެވެ.
ކްރިކެޓް އާލާކުރުމަށް ފުވައްމުލަކުން ކުރަމުންގެންދާ ބުރަ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން ސީބީއެމްގެ ރައީސް ފައިޞަލް ވަނީ، އެ ސިޓީއަކީ ސްޕޯޓްސް ޓޫރިޒަމްގެ މައި މަރުކަޒަކަށް ހެދުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެ ބޯޑުގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި އެރަށުގައި މި ކުޅިވަރު ޕްރޮމޯޓްކުރުމަށް ކައުންސިލުން އަދާކުރާ ދައުރަށް އޭނާ ތައުރީފުކުރެއްވިއެވެ.
މި މަޝްވަރާތަކުގައި ޑެޕިއުޓީ މޭޔަރު ލިރާރު ފާހަގަކުރެއްވި ގޮތުގައި، 2011ވަނަ އަހަރު ފުވައްމުލަކުގައި ހުޅުވި ޒަމާނީ ކްރިކެޓް ދަނޑާއެކު އެރަށުގެ ޒުވާނުންނަށް ވަނީ މި ކުޅިވަރުގެ ތެރެއަށް ވަނުމަށް ރަނުގެ ފުރުޞަތުތަކެއް ހުޅުވިފައެވެ. އޭނާ އިތުރަށް ވިދާޅުވީ، އަލަށް ވެވޭ އެއްބަސްވުމުގެ ސަބަބުން މުޅި ސިޓީގައި ކްރިކެޓްގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ސީބީއެމްއާއި ފުވައްމުލައް ކައުންސިލާ ދެމެދު ވަރަށް އަވަހަށް ސޮއިކުރެވޭނެކަމަށް ބެލެވޭ މި ލިޔުމަކީ، އެ ސިޓީގެ ކްރިކެޓް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ދުރު ރާސްތާގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅޭ ވަރަށް ވަރުގަދަ ބިންގަލަކަށް ވާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފުވައްމުލަކުން އަންނަނީ ހުނަރުވެރި ކްރިކެޓް ކުޅުންތެރިން އުފައްދަމުންނެވެ. އެގޮތުން އެ ސިޓީއަށް ނިސްބަތްވާ ބައެއް ޒުވާން ކުޅުންތެރިން ވަނީ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުން ވެސް ޖާގަ ހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.