އަމިއްލަ ކުންފުނިތަކަށް އަމާޒުކޮށްގެން ކްލަބް މޯލްޑިވްސްއިން ކުރިއަށްގެންދާ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ "ސެކްޓާ ލީގު"ގެ މިއަހަރުގެ ކުޅުން 20ޓީމާއެކު މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ހުރިހާ މެޗެއް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެއެވެ.
މިއީ ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ކަލަންޑަރުގައި ހިމެނޭ އެންމެ ފަހު މުބާރާތެވެ. މި ސީޒަނުގައި ބޭއްވި އެހެނިހެން ހަ މުބާރާތެއް ކާމިޔާބުކަމާއެކު ނިންމާލުމަށް ފަހު ފަށާ މި ލީގަކީ ރާއްޖޭގެ ނަންމަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ އިތުރުން ބިދޭސީ ހުނަރުވެރިން ވެސް ފެނިގެންދާނެ ވަރަށް ވާދަވެރި މުބާރާތެކެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ ހަތަރު މެޗެއް ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. އެގޮތުން، ރޭގަނޑު 8:15ގައި ދެ މެޗެއް ފަށާނެއެވެ. އެއީ ދަ ހޯކްސް އާއި ކްލަބް ލޯކަލްޗާ ބައްދަލުކުރާ މެޗާއި، މިބްސާ އާއި އެމްއޭޑަބްލިއުސީ ވާދަކުރާ މެޗެވެ. އޭގެ ފަހުން 9:45ގައި ކުޅޭނީ ކްލަބް ވެލިގާއާއި ބިޔޯންޑްގެ ކުރިމަތިލުމާއި، ހެޕީ މާކެޓާއި މާކޯ ރެކްރިއޭޝަން ކްލަބް ބައްދަލުކުރާ މެޗެވެ.
ކޯޕަރޭޓް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ގުޅުން ބަދަހިކުރުމުގެ ބޭނުމުގައި 2025ވަނަ އަހަރު ތައާރަފުކުރި މި ލީގަށް މިއަހަރު ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ފާއިތުވި އަހަރު 15ޓީމަކުން ވާދަކުރި ނަމަވެސް، މި ފަހަރު ޓީމުތަކުގެ އަދަދު 20އަށް އިތުރުވެފައިވާތީ، މުބާރާތް ކުރިއަށް ގެންދާނީ ޖުމްލަ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ.
މި މުބާރާތުގެ ފުރަތަމަ އެޑިޝަންގެ ޗެމްޕިއަންކަން ހޯދީ މާފުށީ އެރީނާ ހޮޓެލްސްއިންނެވެ. އެ ޓީމު ތަށި އުފުލާލީ ފައިނަލް މެޗުގައި 1-0ގެ ނަތީޖާއަކުން ހޯކްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. އަދި މިދިޔަ އަހަރުގެ ސެމީ ފައިނަލުން ޖާގަ ހޯދި އަނެއް ދެ ޓީމަކީ އާރްސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ)އެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.