އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގައި އިތުރު ފަސް އަހަރު ދުވަހު ދެމިހުރުމަށް ޓަކައި، ކްރޮއޭޝިއާގެ ހުނަރުވެރި ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2031ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށް، އައު ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ.
މީގެ ދެ އަހަރު ކުރިން ސިޓީއާ ގުޅުނު އުމުރުން 24އަހަރުގެ ކުޅުންތެރިޔާގެ ކުރީގެ ކޮންޓްރެކްޓް ހަމަވާން އަދި ދެ އަހަރު ބާކީ އޮތް ނަމަވެސް، އޭނާ ވަނީ ކުލަބުގެ ހުށަހެޅުން ގަބޫލުކޮށްފައެވެ. މި ނިންމުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ގްވާޑިއޯލް ފާހަގަކުރި ގޮތުގައި، ކޮންޓްރެކްޓް އާކުރުމަކީ އޭނާ އެންމެ ބޭނުންވި ގޮތް ކަމަށާއި، ދުނިޔޭގެ އެންމެ ވަރުގަދަ ކުލަބުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ ބޮޑު އުފަލެއް ކަމުގައެވެ.
މީގެ އިތުރުން، ސިޓީގެ މިހާރުގެ ސްކޮޑަކީ ޒުވާން އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން އެކުލެވޭ ޓީމެއްކަން ފާހަގަކޮށް، ކުރިއަށް އޮތް ތަނުގައިވެސް އެ ޓީމުން ގިނަ ކާމިޔާބީތަކެއް ހޯދާނެކަމުގެ ޔަގީންކަން އޮތްކަމަށް އޭނާ ބުންޏެވެ.
ޖަރުމަނުގެ އާރްބީ ލައިޕްޒީގުން 90މިލިޔަން ޔޫރޯ (99.2މިލިޔަން ޑޮލަރު)ގެ ބޮޑު އަގަކަށް ސިޓީއަށް ބަދަލުވި ގްވާޑިއޯލްއަކީ ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ އަގުބޮޑު އެއް ޑިފެންޑަރެވެ. އޭނާ ވަނީ މިހާތަނަށް ސިޓީއާ އެކު އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޖުމްލަ ފަސް މުބާރާތެއް ކާމިޔާބުކޮށްފައެވެ.
ސިޓީގެ ޑައިރެކްޓަރ އޮފް ފުޓްބޯލް، ހޫގޯ ވިއާނާ ހާމަކުރި ގޮތުގައި، ގްވާޑިއޯލް ފަދަ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޒުވާން ޑިފެންޑަރުން ޓީމުގައި ދެމެހެއްޓުމަކީ ކުލަބުގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި ކުލަބުގެ މުސްތަގުބަލަށް އަމާޒުކޮށްގެން ހެދި މި އައު އެއްބަސްވުމާ މެދު ނުހަނު ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.