ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ވިޔަފާރީގެ ހަރަކާތްތައް އެއްކޮށް، ފުޓުބޯޅަ އިތުރަށް ތަރައްގީކުރުމަށްޓަކައި 20ބިލިއަން އެމެރިކާ ޑޮލަރުގެ އައު ކޮމާޝަލް ސަބްސިޑިއަރީއެއް އުފެއްދުމުގެ ބޮޑު މަޝްރޫއެއް އެ ޖަމުއިއްޔާއިން އިއުލާނުކޮށްފިއެވެ.
"ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ)ގެ ނަމުގައި އުފައްދާ މި ކުންފުނީގެ މައިނޯރިޓީ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، 20އިންސައްތަ ހިއްސާ ވިއްކައިގެން 4.2ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމަށް އަމާޒު ހިފާފައިވާއިރު، ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް ދެމިއޮންނާނީ ފީފާގެ އަތުގައެވެ.
ވިޔަފާރީގެ ގޮތުން މިފަދަ ބޮޑު ބަދަލެއް ގެނައި ނަމަވެސް، ފުޓުބޯޅައިގެ ގަވާއިދުތައް ހެދުމާއި، މުބާރާތްތައް ރޭވުމުގެ އިތުރުން މެޗުތަކުގެ ޝެޑިއުލް އެކުލަވާލުން ފަދަ ކުޅިވަރާ ގުޅުން ހުރި އެންމެހައި ކަންކަން ނިންމުމުގެ ފުރިހަމަ ބާރުވެރިކަން ކުރިއެކޭ އެއްގޮތަށް އޮންނާނީ ސީދާ ފީފާގެ ބެލުމުގެ ދަށުގައެވެ.
މިކަމާ ގުޅޭގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރުގެ މާލީ މަންފާ ހޯދުމުގެ މަގު މިހާރު ތަނަވަސްވެފައިވާ ކަމަށެވެ. އަދި މި ޕްލޭންގެ މައިގަނޑު މަގުސަދަކީ ފުޓުބޯޅައިގެ ވިޔަފާރި ފުޅާކޮށް، އެއިން ލިބޭ އާމްދަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ފުޓުބޯޅަ ކުރިއެރުވުމަށް އަލުން އިންވެސްޓްކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ބިޔަ މަޝްރޫއަށް ޔޫރަޕުގެ ފުޓުބޯޅަ އިދާރާ، ޔުއޭފާއިން ވަނީ ވަރަށް ހަރުކަށި އިބާރާތުން ފާޑުކިޔާފައެވެ. ޔުއޭފާއިން ސިފަކުރާ ގޮތުގައި ފުޓުބޯޅައަކީ ގަނެވިއްކޭނެ ވިޔަފާރި މުދަލެއް ނޫނެވެ. އަދި މި އަމަލުގެ ސަބަބުން ފީފާއިން ފަހަނައަޅައި ނުދާންޖެހޭ ރޮނގެއް ހުރަސްކޮށްފައިވާ ކަމަށާއި، މިކަމުން ހަގީގީ މާލީ މަންފާ ކުރާނީ ކޮން ބަޔަކަށްކަން ސާފުނުވާތީ މިއީ ކްލަބްތަކާއި ސަޕޯޓަރުންނާއި ސަރުކާރުތަކުންވެސް ފުންކޮށް ވިސްނަންޖެހޭ ސީރިއަސް މައްސަލައެއްކަމަށް އެ އިދާރާއިން އިންޒާރުދީފައިވެއެވެ.
އައު ކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފީފާއިން އަންނަނީ ޖޭޕީ މޯގަންގެ މާލީ މާހިރުންނާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ލިބަޓީ މީޑިއާގެ ކުރީގެ ވެރިޔާ ގްރެގް މެފީއާއި ޑިޒްނީގެ ކުރީގެ ސީއީއޯ ބޮބް އައިގާ އަންނަނީ ލަފާދޭ ފަރާތްތަކުގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. މި ކުންފުނީގެ އެންމެ ބޮޑު އިންވެސްޓަރަކަށް ވާނެކަމަށް ބެލެވެނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ، ޖޯޝުއާ ކުޝްނާގެ ވެންޗާ ކެޕިޓަލް ފާމްއިން އުފައްދާފައިވާ 'ތުރައިވް އިޓާނަލް' އެވެ.
ފީފާގެ މި ހުށަހެޅުން ފާސްކުރުމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމާނީ އަންނަ އަހަރުގެ މާޗު މަހު މޮރޮކޯގައި ބާއްވާ ކޮންގްރެސްގައި ބައިވެރިވާ 211މެމްބަރު އެސޯސިއޭޝަނުގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އަދި ފީފާ ކައުންސިލަށް ވެސް މި މައްސަލަ ހުށަހެޅިގެންދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.