ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބްރެޒިލްއާއި އިންޑިއާ ވާދަކުރާ މެޗެއް

ޝެއާ ކުރޭ Facebook Telegram Viber X

ދުނިޔޭގެ ޗެމްޕިއަންކަން ރެކޯޑް ފަސް ފަހަރު ހޯދާފައިވާ ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުން، އަންނަ އޮކްޓޯބަރު މަހު އިންޑިއާގެ ކޮލްކަތާގައި ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްރެޒިލްގެ ނޫހެއް ކަމަށްވާ "އެސްޓަޑާއޯ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން މިހާރު ދަނީ އިންޑިއާގައި މި މެޗު އިންތިޒާމުކުރާ ފަރާތްތަކާ އެކު މަޝްވަރާތަކުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް މި މެޗުގައި ބްރެޒިލާ ދެކޮޅަށް ކުޅޭނީ ކޮން ގައުމެއް ކަމެއް އަދި ޔަގީނެއް ނުވެއެވެ.

ބްރެޒިލުން އިންޑިއާއާ އެކު މިފަދަ މަޝްވަރާތަކެއް ފެށީ، އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގެ ދުވަސްވަރު އިންޑިއާގައި އެ ގައުމަށް އޮތް ބޮޑު ތާއީދު ހާމަކޮށްދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވުމާ ގުޅިގެންނެވެ. ހާއްސަކޮށް ކޮލްކަތާގެ މަގުތައް ބްރެޒިލްގެ ރީނދުލާއި ފެހި ކުލައިން ޖަރީކޮށްފައިވާ މަންޒަރުތަކާއި، ކެރެލާ ސްޓޭޓްގެ ރައްޔިތުން ބްރެޒިލަށް ދިން އާދަޔާ ހިލާފު ސަޕޯޓް ދައްކުވައިދޭ ގިނަ ވީޑިއޯތަކެއް އެ ދުވަސްވަރު އާންމުވިއެވެ.

އޭޝިއާ ސަރަހައްދުގައި ގިނަވެގެން ތިން މެޗު ކުޅުމަށް ބްރެޒިލުން ވިސްނަމުންދާއިރު، އިންޑިއާގެ އިތުރުން ސިންގަޕޫރާއި ގަތަރު އަދި ބަންގްލަދޭޝްގައި ވެސް މެޗުތައް ކުޅުމަށް އެ ގައުމުން ދަނީ ވިސްނަމުންނެވެ. ނަމަވެސް މިހާތަނަށް ރަސްމީކޮށް މަޝްވަރާތައް ފަށާފައިވަނީ ހަމައެކަނި އިންޑިއާއާއެކުގައެވެ. ދަތުރުފަތުރުގެ ބުރަކަމާއި ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ބޭނުންވާތީ، އޭޝިއާގައި ކުޅޭނީ ގިނަވެގެން ތިން މެޗު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ކޮލްކަތާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ބްރެޒިލްގެ ފުޓްބޯޅައަށް ހާއްސަ ގުޅުމެއް އޮންނަ ސިޓީއެކެވެ. އެގޮތުން ބްރެޒިލްގެ ލެޖެންޑް ޕެލޭ ވަނީ 1977ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އެމެރިކާގެ ނިއު ޔޯކް ކޮސްމޯސް ޓީމާއެކު ކޮލްކަތާގެ އެޑެން ގާޑެންސް ސްޓޭޑިއަމްގައި މޯހަން ބަގާނާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ. ގާތްގަނޑަކަށް 80,000ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މެޗު ނިމުނީ 2-2އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ޕެލޭއަށް ލަނޑެއް ނުޖެހެއެވެ. އޭގެ ހަފްތާއެއް ފަހުން، އޮކްޓޫބަރު 1977ގައި ސަންޓޯސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕެލޭ ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލާފައެވެ.

ގަތަރުގައި 2022ވަނަ އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދަނިކޮށް، އެ އަހަރުގެ ޑިސެމްބަރު މަހު އުމުރުން 82އަހަރުގައި ޕެލޭ މަރުވިއިރު، އޭނާ ވަނީ އޭގެ ފަހުން ވެސް ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން ކުޅުން ހުއްޓާލިތާ 38އަހަރު ފަހުން 2015ވަނަ އަހަރު އިންޑިއާގެ ކްލަބް މެޗުތަކެއް ބަލާލުމަށް ދިޔައިރު، 2018ވަނަ އަހަރު ދިޔައީ ލީޑާޝިޕް ސަމިޓަކަށެވެ. ޕެލޭގެ ހަނދާނުގައި 2023ވަނަ އަހަރު އެޑެން ގާޑަންސްގައި އިންޑިއާއާއި ސްރީލަންކާ ބައްދަލުކުރި ކްރިކެޓް މެޗެއްގެ ކުރިން އޭނާގެ ހަނދާން އާކޮށްފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު