މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މޯލްޑިވްސް ޓީޓްވެންޓީ ޗެމްޕިއަންޝިޕް 2026ގެ ފައިނަލް މެޗުގައި ބީޖީ ސްޕޯޓްސް ކްލަބުގެ މައްޗަށް ހަތް ވިކެޓުން ފުރިހަމަ ކާމިޔާބީއެއް ހޯދައިގެން، މުބާރާތުގެ ޗެމްޕިއަންކަން އަނަކީ ސްޕޯޓްސް ކްލަބުން މިއަދު ހާސިލުކޮށްފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ކުޅެން ނުކުތް ބީޖީ ސްޕޯޓްސްއަށް 15.5އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެއްކުރެވުނީ އެންމެ 82ލަނޑެވެ. އޭގެ ފަހުން އަނަކީއިން ކުޅެން އަރައި 9.1އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 83ލަނޑު ވަނީ ހަދައިފައެވެ،
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަނަކީ ސްޕޯޓްސްގެ އިސުރު ސަމްޕަތު ވަނީ ބޯލިންގް އަދި ބެޓިންގްގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ 2.5އޯވަރުގެ ތެރޭގައި ހަތަރު ލަނޑަށް ހަތަރު ވިކެޓު ނެގިއިރު، އެ ޓީމުގެ ނިފްރާސް ނަޒްމީ ވެސް ވަނީ 10ލަނޑަށް ހަތަރު ވިކެޓު ނަގައި ބީޖީގެ ކުޅުންތެރިންނަށް ބޮޑު ޕްރެޝަރެއް ކުރިމަތިކުރުވާފައެވެ. ބީޖީގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26ލަނޑު އެއްކުރި ޑޯން ކަސުންއެވެ.
އަނަކީ ސްޕޯޓްސްއިން ޖަވާބުގައި ކުޅެން އަރައި މެޗު ކާމިޔާބުކުރީ ޗަމަލްކާ ސޯހަން 15ބޯޅައިން ހަދައިދިން 25ލަނޑާއި، ނުބައިނުވެ ސަމްޕަތު ދިނޭޝް 15ބޯޅައިން ހެދި 22ލަނޑުގެ އެހީތެރިކަމާއެކުގައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާ އިސުރު ސަމްޕަތު ވެސް ވަނީ އެ ޓީމަށް 20ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މުބާރާތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލްތައް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަނެވެ. މީގެ އިތުރުން، މެޗުގެ އޮފިޝަލުންނަށް މެޑަލް ބައްސަވައިދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ނައިބު ރައީސް އަޙްމަދު އިސްޙާޤެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.